އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިވަޑައިގަތުމުން ކޯފާ އިސްކުރައްވައި ޕާޓީން ވަކިވެވަޑައިގަތް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ދީނާ ބީރައްޓެހި ބޭފުޅެއްކަމަށާ، ނަޝީދާ އެކުގައި ދުވަހަކުވެސް މަސައްކަތެއް ނުކުރައްވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ޕްރައިމެރީގެ ނާކާމިޔާބީއަށްފަހު ފިކުރެއްގެ ދިރުމުގެ ނަމުގައި އަމިއްލަފުޅު ޕާޓީއާ ދެކޮޅަށް ނުކުމެވަޑައިގެންނެވި ނަޝީދު މިހާރު ވަނީ އައު ޕާޓީއެއް އުފައްދަން މަސައްކަތް ފަށްޓަވާފައެވެ. އެޕާޓީ އުފެއްދުމުގެ މަސައްކަތް މިހާރު ހިނގަމުންދާއިރު، ނަޝީދުގެ ތާޢީދު ޢާންމުންގެ މެދުގައި ވަރަށް ކުޑަވެފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން އިދިކޮޅު ޕާޓީތަކާއެކު ގުޅިގެން މަސައްކަތްކުރެވޭތޯ ނަޝީދުގެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނަޝީދުގެ ވިސްނުމާއި ސިޔާސަތުތަކާ އެހެން ޕާޓީތަކުން ވަރަށް ދެކޮޅެވެ. އިދިކޮޅު ޕީޕީއެމާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއިރުވެސް މުޅިންހެން ފެންނަނީ ޚިޔާލު ތަފާތުވުންތަކާއި އެއްގަލަކަށް ނޭރިގެން އުޅޭ މަންޒަރެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާންކުރައްވައި ކެމްޕެއިން ކުރައްވަމުން އަންނަ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ނަޝީދަކީ އިސްލާމްދީނާ ބީރައްޓެހި ބޭފުޅެއްކަމަށެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ނަޝީދުގެ އައިޑިއޮލޮޖީއަކީ ވަރަށް ލިބަރަލް އައިޑިއޮލޮޖީއެއްކމަށެވެ. އުމަރަކީ ވަރަށް ކޮންޒެވޭޓިވް މީހެއްކަމަށާ، އަދި އިސްލާމީ ޝަރީއަތުގައި ހިފަން ބޭނުންވާ މީހެއްކަމަށެވެ.

މީގެއިތުރުން ނަޝީދަކީ ދީނާ ބީރައްޓެހި ބޭފުޅެއްކަމަށާ، ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރުމަށް މަސައްކަތްކުރެއްވި މަންޒަރު ފެނުނު ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި އިނގިރޭސިވިލާތުގެ ލިބަރަލް ޕާޓީގެ ވިސްނުމަށްވުރެވެސް ރައީސް ނަޝީދުގެ ވިސްނުން ލިބަރަލްވާނެކަމަށް އުމަރު ވިދާޅުވިއެވެ. އެހެންކަމުން ދުވަހަކުވެސް ނަޝީދާއެކު މަސައްކަތެއް ނުކުރެވޭނެކަމަށް އުމަރު ވިދާޅުވިއެވެ.

2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅު އެންމެން ރައީސް ނަޝީދުގެ ފަހަތްޕުޅަށް އެރިއިރުވެސް އުމަރު ހުންނެވީ ވަކިން ގިނިކަންޏާއެވެ. އެފަހަރު ވެރިކަންކުރާ ޕާޓީ، ރައީސް މައުމޫނުގެ ޑީއާރުޕީއާވެސް ޢުމަރު ދެކޮޅެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް އެމްޑީޕީން ނުކުމެވަޑައިގެން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކުން އަދި ފެންނަނީ ކުރިއެރުމެއް ނެތި ބާކީވަމުންދާ މަންޒަރެވެ.



ކިޔުންތެރިންގެ ހިޔާލު