ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމާމެދު މަޝްވަރާ ނުކުރެވެނީ ރިޔާސަތުގެ އަމަލުތައް ހުރިގޮތުންކަމަށް އެ މައްސަލަ ހުށަހަޅުއްވާފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާގޮތުން މަޖިލިސް ކުރިއަށްގެންދިއުމަށް ސުލްހަވެރި މަޝްވަރާތަކެއް ކުރައްވާނެކަމަށް ނުބެލެވޭކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތާއެކު ކުރެވެން އޮތީ އެންމެ މަޝްވަރާއެއްކަމަށާއި، އެއީ އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ނެގުމުގެ މަޝްވަރާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެފަދަ މަޝްވަރާއެއް ކުރުމަށް އެމްޑީޕީއަށް ވިސްނުމަށްވެސް ފުރުސަތެއް ލިބޭނީ ޖަލްސާތައް ފަށައިގެންކަމަށެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާގޮތުން އެފަދަ މަޝްވަރާއެއް ކުރުމަށް ފުރުސަތެއް ނެތްކަން އަސްލަމް ފާހަގަކުރެއްވިއެވެ.

"މިސާލަކަށް މައްސަލައެއް ނެގުމާ ދޭތެރޭގައި ވިސްނަންވެސް ޖާގައެއް ލިބިދާނެ، އަދިވެސް މިސާލަކަށް މަޖިލިސް ގެންދަވާ ނަމަވެސް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިމޭރުން ވާހަކަ ދައްކަވާފައިވާއިރު މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ނެގުމާމެދު ކޮންމެވެސް ވަރެއްގެ ނުރަސްމީ މަޝްވަރާތަކެއް ކުރިއަށްދިޔަކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށް އެމްޑީޕީގެ ޕީޖީ މެމްބަރުން ވަރަށް ބޮޑަށް ދެކޮޅުކަމަށެވެ. އަދި އެކަމުގައި މަޝްވަރާއެއް ކުރަންވެސް މެމްބަރުން ބޭނުންނުވާކަަމަށް މީގެކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު