ގުޅިފަޅުގެ މަޝްރޫޢާއެކު ސިނާއަތްތައް ކުރިއަރައި، އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ބިމުން ބަންޑާރަ ގޯތި ދޫކުރުމުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާ ގުޅިފައިވާ މުހިންމު ދެ ކަމެއް، އެ ބިމުގައި ހިނގާނެކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، މާލޭގެ ގުރާބުތުނޑި ސަރަހައްދުގައި މިހާރު ހިންގަމުން އަންނަ މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅުގައި އަލަށް ޤާއިމުކުރުންކަމަށާއި، އޭގެ އިތުރުން މާލޭގެ އުތުރު ފަރާތުގަޔާއި، އެކި ސަރަޙައްދުތަކުގައި ހުރި ބޮޑެތި ގުދަންތަކާއި ވާރކްޝޮޕްތައް ފަދަ ތަންތަނާއި، ބައެއް ވިޔަފާރިތައް ވެސް ގުޅިފަޅަށް ބަދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ މާލޭގެ ޢާންމު ހަމަޖެހުމާއި އަމާންކަން ޤާއިމުކުރަން އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްވެސް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތުގެ އިތުރުން ގުޅިފަޅުގައި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުންވެސް ކުރިއަށްދާނެކަމަށާއި އެކަމާ ބެހޭ ރޭވުންތައްވެސް ގާތްގަނޑަކަށް ޕްލޭންކޮށް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ދެ ބަނދަރު ތަރައްޤީ ކުރުމުން، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ވަރަށް ހަލުވި ކުރިއެރުންތަކެއް ލިބިގެންދާނެ. އެ ހަލުވިކަމާއެކު ވިޔަފާރިއާއި ޢިމާރާތްކުރުމުގެ އިންޑަސްޓްރީއާއި އަދި ފަތުރުވެރިކަމުގެ ޞިނާޢަތާއި، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ފުޅާވެގެންދާނެ. އެ ޞިނާޢަތްތައް ފުޅާވަމުންދާ ވަރަކަށް، ރާއްޖޭގެ މުޅި އިޤްތިޞާދުގެ ރޫފަ ހެޔޮވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދޭން މަސައްކަތްކުރާކަމަށާއި ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ، ސަރުކާރުގެވެސް ކަންބޮޑުވުމެއްކަމަށެވެ. އަދި ރައްޔިތުންގެ ތަކުލީފަކީ ސަރުކާރުގެ ކޮންމެ މީހެއްގެ ތަކުލީފެއްކަމަށާއި މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ސަރުކާރުން ހިންގި ކޮންމެ މަޝްރޫޢެއް، އަދި ކުރި ކޮންމެ މަސައްކަތެއް ބިނާކޮށްފައި އޮންނާނީ އެ ތަކުލީފުތައް ކުޑަކޮށްދިނުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު