އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޗަމްޕާ ބްރަދާސްއަށް ލިބުނު ކަމުގެ ހެއްްކެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްއެމްއާރުޕީއާރުސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިވެ ފައިސާއަށް ހިޔާނާތްތެރިވެފައިވާއިރު އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ބޭނުންކޮށްގެން ލިބުނު ފައިސާއިން ވެސް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

އަދި އެ މުއާމާލާތްތަކުގައި ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ޗަމްޕާ ބްރަދާސް ހިމެނޭ ކަމަށް އެމައްސަލައިގައި ވަނީ ތުހުމަތުކޮށްފައެވެ.

އެމައްސަލަ ތަހުގީގުކޮށް ނިއްމައި އޭސީސީން މިއަދު ބުނީ ޗަމްޕާ ބްރަދާސްއިން މަނީ ލޯންޑްރިންގެ ކުށެއް ހިންގި ކަމަށް ތަހުގީގަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުންމި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އަދި މަނީ ލޯންޑްރިންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި ނިންމީމެވެ." އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޗަމްޕާ ބްރަދާސް އަކީ ދިވެހި ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ކުރިއެރުމެއް ހޯއްދެވި އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ އުއްޗު އާއި އޭނާގެ އާއިލާ ހިއްސާވާ ކުންފުންޏެކެެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާކަން އެމައްސަލައިގައި ކުރި ތަހުގީގުން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު