ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާރު ދޫކޮށްފައިވާ ފުލެޓްތަކުގެ ކުލި ނުދައްކާ މައްސަލަ ހައްލުކުރަން ގާނޫނަށް ބަދަލުކުރަންޖެހޭ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުން ދޫކޮށްފައިވާ ފުލެޓްތަކަށް ގަވާއިދުން ފައިސާ ދައްކާ ފަރާތްތައް އެބަތިބި ކަމަށެވެ. އެހެން ނަމަވެސް ފުލެޓްތަކަށް ގަސްތުގައި ފައިސާ ނުދައްކާ ފަރާތްތަކާއި މާލީ ހާލަތު ހުރި ގޮތުން ފައިސާ އެއްގޮތަކަށް ވެސް ނުދެއްކޭ ފަރާތްތައް އެބަހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގަސްތުގައި ފުލެޓްތަކަށް ކުލި ނުދައްކަނީ ކޮންބަޔެއްކަން ސަރުކާރަށް އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ފުލެޓްތަކުގެ ކުލި ހޯދުމުގެ މަސައްކަތް އާބަންކޯ އިން ކުރަމުން ގެންދާއިރު ކުލި ނުދައްކާ ފަރާތްތަކާއިމެދު އެ ކުންފުނިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ ކުލި ނުދައްކާ މައްސަލަ ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި ސަރުކާރުން ބޯހިޔާވަހިކަމުގެ ސްކީމަށް ގެނެވޭނެ ބަދަލުތަކާއި ގުޅޭގޮތުން ވޯލްޑް ބޭންކާއެކު ވެސް މަޝްވަރާކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެެ.

"ބައެއް ގާނޫނު ތަކަށް އަަޅުގަނޑުމެން ތަންކޮޅެއް ހަރުދަނާ ސިފަތަކެއް ވެސް ގެންނަންޖެހޭނެ، ނޮން ޕާފޯމް ކުރާ ފަރާތްތަކާއި މެދު (ގަސްތުގައި ކުލި ނުދައްކާ ފަރާތްތަކާއި މެދު) ކަންތައްތައް ކުރަން، އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި ވޯލްޑް ބޭންކާ އެކުގައި މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން މި ހާލަތުން އަރައިގަންނަން އަޅުގަނޑުމެންނަށް، ސްކީމް ބަދަލުކުރަން،" އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ، ސަރުކާރަށް ކުލި ދައްކާގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެގޮތަަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު ހުންނަ ސިފަތައް ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެންނަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ވޯލްޑް ބޭންކާއެކު ސަރުކާރުން މިހާރު ކުރަމުންދާ މަޝްވަރާތައް ނިމުމުން ކުލި ނުދައްކާ މައްސަލަ އަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މިއީ ހައްލު ހޯދަންޖެހޭ މައްސަލައެއް، އޭގެތެރޭގައި ދެ ކަމެއް އެބައުޅޭ، އެއްކަމަކީ ދައުލަތަށް މާލީ ބުރައެއް އައުން، އަނެއްކަމަކީ މީގެ ތެރޭގައި ބޭ އިންސާފެއް ވެސް އެބަ ހިމެނޭ. ރަނގަޅަށް އެކަން ކުރާ ބަޔަކާއި ނުކުރާ ބަޔަކާއި މި ތިބެނީ. އެހެންވީމަ އެކަމަށް ވެސް ހައްލެއް ހޯދަން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވޯލްޑް ބޭންކާ އެކު މިކުރާ މަސައްކަތް މިއަންނަ އަހަރުގެ މާރޗް އޭޕްރިލާއި ހަމަޔަށް ނިއްމާލެވޭނެ، އެއީ ހަމަ އެހެން ގައުމުތަކުގައި ވެސް ރެންޓް އޮން މޮޑެލްގައި މިކަން ކުރިއަށް ގެންދާގޮތަށް އެބަޖެހޭ ބައެއް ކަންކަން ބަދަލުކޮށްލަން. އަސްލު އެކަންތައްތަށް ބަދަލުކުރީމަ ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވެފައިމިވަނީ މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަހައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލަން މަޝްވަރާތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއާ ބެހޭގޮތުން ވޯލްޑް ބޭންކުން މީގެ ކުރިން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް"ގައި ވެސް ވަނީ ސޯޝަލް ހައުސިން މަޝްރޫއުތަކުން ކުލި ނުލިބޭކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު