ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލެއިން ހިލޭ ގޯތިލިބޭ މީހުންގެ ލިސްޓް ސަރުކާރުން އާންމުކޮށްފައިވާއިރު އެވަރުގެ ދެފުށް ފެންނަ ލިސްޓެއް އެއްވެސް ރައީސަކު މިހާތަނަށް އާންމުކޮށްފައި ނުވާ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނާއިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންނާއި ޝަރުތު ހަމަވާ މީހުންގެ ލިސްޓް ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ އާންމުކޮށްފައެވެ. އެލިސްޓުގައި މާލެއަށް ރަށްވެހި ވެފައިވާ ބިދޭސީންގެ ނަންތައް ހުރުމުން ބައެއް ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެެވެ.

އެމައްސަލަ ފެންމަތިވުމާއި ގުޅިގެން ސަރުކާރުން ބުނީ ދާއިމީ ލިސްޓް އާންމުކުރާއިރު އެކަން އިސްލާހުކުރާނެ ކަަމަށެވެ. ގޯތި ލިސްޓާއި ގުޅިގެން ޝުއައިބު އަލީ މިއަދު ވިދާޅުވީ ރައްޔިތުންނަށް ބަންޑާރަ ގޯތި ދެއްވަން ރައީސް ނިންމަވައި ގޯތިލިސްޓް އާންމުކޮށްފައިވާ ކަމަށެވެ.





އަދި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާއިރު، އެ ލިސްޓުގައި އޮތީ ކޮން ގެއެއްގެ ކާކުކަމާއި، އެމީހެއްގެ ޢާއިލާ ވެސް ދެނެގަނެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަރުގެ ދެފުށް ފެންނަ ލިސްޓެއް މިހާހިސާބަށް އެއްވެސް ރައީސަކު އާންމު ނުކުރައްވާ، ޝުކުރިއްޔާ ރައީސް އިބޫ." ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ސަން ޝިޔާމްގެ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ޝުއައިބު ވިދާޅުވިއެވެ.

ސަރުކާރުން އާންމުކުރި ގޯތި ލިސްޓްގައި 10،314 މީހަކު ހިމެނެ އެވެ. އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕްލޭނިން މިނިސްޓްރީން ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު