މުސްލިމުން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާގޮތް ކޮޕީ ކޮށްގެނެއް ނޫން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި އީދު ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުވުން ނޫން ކަމަށާއި، އީދަކީ މާތް ﷲ ގެ ޙައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވޭ ދޮރެއް ނޫން ކަމަށެވެ. އިސްލާމްދީނުގައި އީދުތަކަކީ މާތްﷲ ގެ އަމުރުފުޅުތަކަށް ފުރިހަމަގޮތުގައި ކިޔަމަންގަތުމާއި ވިދިގެން އަންނަ ދުވަސްތަކެއް ކަމަށް ހުތުބާގައި ބުނެފައިވެއެެވެ.

"އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެވެ. އެހެނަސް މި ޢީދު ފާހަގަކުރަންވާނީ މާތް ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައެވެެ. ކުޅިވަރު ކުޅުމާއި އުފާކުރުމާއި ކެއިންބުއިމަކީ ޢީދުގެ އުފަލުގެ ބަޔެކެެވެ. އަހަރެމެން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާގޮތް ކޮޕީ ކޮށްގެނެއް ނޫނެވެ." ހުތުބާގައިވެއެވެ.

ހުތުބާގައި ބުނީ އިސްލާމީ އުއްމަތް ކުރިއަރާނީ ކިޔަމަންތެރިކަން އިސްކޮށް ކަމަށެވެ.

އީދު ހުތުބާގައި ބުނެފައި ވަނީ އަޟުހާ އީދު ފާހަގަކުރާއިރު އަދި އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގުރުބާނީން ދަރުސްތައް ލިބިގަންނަންޖެހޭ ކަމަށެވެ. ހުތުބާގައި ބުނެފައި ވަނީ އިސްމާއީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ އަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށެވެ. އިސްމާއިލްގެފާނު ދެއްކެވި ނަމޫނާއަކީ މައިންބަފައިންނަށް ކިޔަމަން ގަންނަން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށްވެސް ހުތުބާގައި ބުނެފައި އެވެ.

ހައްޖާއި އީދު ޝަރުއު ކުރެއްވީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ އެކުވެރިކަން މަތީ ދިރިއުޅުމަށްޓަކައި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އީދު ދުވަސްތައް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ހަދައި އެކަކު އަނެކަކަށް ހިތްހެޔޮ ކަމުގައި ބައްދަލުކުރާ ދުވަސްތަކެއް ކަމުގައި ހެދުމަށް ވަނީ ގޮވާލާފައެވެ. އަދި އީދު ދުވަހު އެކަކު އަނެކަކާއި އަތާއި އަތްޖޯޑުކޮށް ސަލާންކޮށް ހެދުމަށާއި އެކަކު އަނެކަކަށް އަޅާލައި ދުވަސްތަކެއް ކަމުގައި ހެދުމަށް ވެސް ހުތުބާގައި ގޮވާލިއެވެ.

"އިސްލާމީ އީދަކީ އެކަނިވެރިޔާ އޭނާގެ އާއިލާގެ މަތިން، ފަޤީރު މީހާ އޭނާގެ މުހުތާދުތަކުގެ މަތިން، ބީރައްޓެހި މީހާ އޭނާގެ ރައްޓެހިންގެ މަތިން، ބިދޭސީ މީހާ އޭނާގެ ޤައުމުގެ މަތިން، ޔަތީމު ކުއްޖާ އޭނާގެ މައިންބަފައިންގެ މަތިން ހަނދާންކޮށްދޭ ދުވަހެވެ." ހުތުބާގައި ބުނެފައިވެއެވެ.



މީގެ އިތުރުން މައިބަފައިންނަށް ކަމޭހިތުމަށާއި ރަހިމުގެ ގުޅުން ދެމެހެއްޓުމަށާއި ޔަތީމުންނަށް ރަހުމުކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު