ނިއުރޭޑިއަންޓު ސްޕޯޓްސް ކްލަބުން ބާއްވާ ހާއްސަ އީދު ޝޯވްގައި ބޭރުގެ ފަންނާނުންގެ އިތުރުން ހަބޭސް ބޮޑުބެރުގެ ފަރި ހަރަކާތްތަކެއް ފެނިގެންދާނެކަމަށް އެކްލަބުން ހާމަކޮށްފިއެވެ.

ބޮޑު އީދު ދުވަހާއި ގުޅުވައިގެން ކުރިއަށްދާ މިހާއްސަ މިއުޒިކް ޝޯވް ކުރިއަށްދާނީ ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހުއެވެ. މިހަރަކާތުގެ އަމާޒަކީ ކްލަބަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުންކަމަށް ނިއުރޭޑިއަންޓު ސްޕޯޓްސް ކްލަބުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

ނިއުގެ އީދު ޝޯވްގެ ޓިކެޓް ވިއްކަމުންދަނީ 150 ރުފިޔާއަަށް ކަމަށް ނިއުރޭޑިއަންޓުގެ ވައިސް ޗެއަރމަން މުހައްމަދު ޔޫސުފް ރަސް އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ޔޫސުފް ވިދާޅުވީ މާދަމާ ހެނދުނު 10 އަކުން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ޓިކެޓް ވިއްކަމުން ދާނެކަމަށެވެ.



ހަބޭސް ބޮޑުބެރުގެ ފަރި ހަރަކާތްތަކެއްގެ އިތުރުން މި ޝޯވްގެ ހާއްސަ ފަންނާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ މަޝްހޫރު ލަވަކިއުންތެރިޔާ ނަކުލް ކުމާރު ބިސްވާސްގެ ރީތި ލަވަތަކެއް ފެނިގެންދާނެއެވެ. އެގޮތުން ބިސްވާސްގެ ބޭންޑާއި ޓީމު ވަނީ ޝޯވްއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އައިސްފައެވެ.

ނިއުގެ ބޮޑު އީދު މިއުޒިކް ޝޯވް ކުރިއަށްދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ރޭގަނޑު 9:00 އިން 12:00 އަށެވެ.



ކިޔުންތެރިންގެ ހިޔާލު