އަޟްހާ ޢީދާ ގުޅިގެން އައްޑޫސިޓީ މަރަދޫ ގައި ކުރިއަށްގެންދާ އީދު ސަމާ 1444ގެ ހަރަކާތްތައް ޢީދުމަޅިއާއެކު މިރޭ ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްއާއި އެސިޓީ އެކިއެކި މުވާސަވާތަކާއި، މަރަދޫ އަވަށު އޮފީހުން އެރަށުގެ އެންމެހާ ރައްޔިތުން ގުޅިގެން އެރަށުގައި ބާއްވާ ފޯރިގަދަ އީދު ސަމާގެ ކުޅިވަރުތަކަށް މަރަދޫގެ ރައްޔިތުން ތައްޔާރުވެފައިވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ ހަރަކާތަކީވެސް ކާމިޔާބު ހަރަކާތަކަށް ހެދުމަށެވެ.

ޢީދު ފާހަގަ ކުރުން ޢީދު މަޅިލުމާއެކު ރަސްމީކޮށް މިރޭ ފެށިގެން ދިއައިރު، މިހަރަކާތް ކުރިއަށްދާ މަރަދޫ ބަނދަރު ސަރަޙައްދުގައި ރަށުގެ ކުދިބޮޑު ގިނަބަޔަކުވަނީ ޖަމާވެފައެވެ. އީދުމަޅިން އީދުވެއްޖެކަން އިޢުލާންކުރެވޭ ވަގުތަކީ އަލިފާންގަނޑު ދުރަށްފެންނަހެން ރޯކޮށް، އެކަކު އަނެކަކަށް އީދުގެ ތަހްނިޔާ ބަދަލުކޮށް އުފާފާޅުކުރާ ވަގުތުކޮޅެކެވެ. ޢީދުމަޅި ރޯކުރުމާއެކު އެއެންމެންވަނީ ޢީދުގެ އުފާ ފާޅުކުރަން ފަށާފައެވެ.



އީދު މަޅިލުން މިއީ އީދު ވެއްޖެކަން އިއުލާން ކުރުމުގެ ގޮތުން ޒަމާނުއްސުރެ އައްޑޫގެ އެކިރަށްރަށުގައި ވަރަށް ފޯރިޔާއެކު ކުރަމުން އަންނަ ކަމެކެވެ.

ޢީދު ސަމާގެ އެކި ހަރަކާތްތައް އިންތިޒާމްކުރެވިގެންދާއިރު، އެފަރާތުން ދަނީ ފޭސްބުކްގައި ލައިވް އަޕްޑޭޓްވެސް ދެމުންނެވެ.

ޢީދު ސަމާގެ ހަރަކާތްތަކާ ގުޅޭގޮތުން ރަސްއޮންލައިން އަށް މައުލޫމާތު ދެއްވަމުން އިންތިޒާމް ކޮމެޓީގެ ޗެއަރމަން ޢަލީ ޝައުޒޫން ވިދާޅުވީ މިކަމަކީ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާ އޭގެ އެންމެ އެދެވޭ ގޮތެއްގައި ސިޓީގެ ފެންވަރުގައި މަރަދޫގެ ރައްޔިތުންނާއި އަދި އައްޑޫސިޓީ އެހެނިހެން މުއަސަސާތަކުގެ އެއްބާރުލުމާއެކު ސިޓީކައުސިލާއި މަރަދޫ އަވަށުއޮފީހާއެކު މަރަދޫގެ ޒުވާނުން އިންތިޒާމް ކޮށްގެން ކުރީއަހަރެކޭވެސް އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެެއްކަމަށެވެ. ޝައުޒޫން ވިދާޅުވީ މިފަހަރުގެ ހަރާކާތް 3 ދުވަހަށް ދެމިގެންދާނެ ކަމަށެވެ.

މިފަހަރުގެ ކުޅިވަރުތަކުގެ ތެރޭގައި ވާދެމުމާއި މަސްރޭސް ހިމެނޭއިރު ބޮޑުޖަމާޢަތުގެ ޢީދުނަމާދާއި އުޟްހިޔާކަތިލުން، ޢީދުސަޔާއި ސިފައިންގެ ޕެރޭޑާއި ހަވާއެރުވުން އަދި އާޢިލީ ހަވީރު ހިމެނެއެވެ.

ޝައުޒޫން ވިދާޅުވިގޮތުގައި މިފަހަރު ބާއްވާ ވައުދެމުމުގެ މުބާރާތުގައި އައްޑޫސިޓީ ގިނަ މުއަސަސާތަކުން ބައިވެރިވާކަމީ މިފަހަރުގެ މުބާރާތް އިތުރަށް ފުރިހަމަވެ މުބާރާތުގެ ފޯރި އެތައްގުނަޔަކަށް އިތުރުވާނެކަމެއް ކަމުގައެވެ. މީގެ އިތުރުން މަސްރޭސްވެސް އެހާފޯރިގަދަވާނެ ކަމަވެސް އޭނާ ވިދާޅުވިއެވެ.



ޢީދު ސަމާގެ ކުޅިވަރުތައް ތާވަލް ކުރެވިފައިވާ ގޮތަށް ބަލާއިރު، މިރޭގެ ޢީދު މަޅިއަށްފަހު ދެން އޮންނާނީ މާދަމާގެ ބޮޑު ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދާއި އުޟްހިޔާ ކަތިލުމެވެ. ޢީދު ނަމާދު އޮންނާނީ މާދަމާ ހެނދުނު 07:00 ގައި މަރަދޫ ބަނދަރު ސަރަޙައްދުގައެވެ. ޢީދު ނަމާދުން ނިމި ޢުޟުޙިޔާ ކަތިލުމަށްފަހު ދެން އޮންނާނީ ޢީދު ސައެވެ. ޢީދުސައި ހަމަޖެހިފައިވަނީ ހެނދުނު 08:00 - 10:00 އަށް މަރަދޫ ކުޑަކުދީންގެ ޕާކްގައެވެ. އައްޑޫސިޓީ އެކި މުއަސަސާތަކުން ބައިވެރިވާ ވައުދެމުމުގެ މުބާރާތް ފެށިގެންދާނީ 28 ވަނަ ދުވަހުގެ ރޭ 08:30 ގައެވެ. މިމުބާރާތް ކުރިއަށްދާނީ 28، 29 އަދި 30 ވަނަ ދުވަހުގެރޭ މުބާރާތް ނިންމާގޮތަށެވެ. ފުރަތަމަ ދެރޭ ދަންވަރު 12:00 ޖަހަންދެން މެޗްތައް ކުރިއަށްދާނެއެވެ. ވައުދެމުން ކުރިއަށްދާއިރު ރޮނޑާ މަސްރޭސް ފެށުމަށް ހަމަޖެހިފައިވަނީ 29 ވަނަ ދުވަހު މެންދުރު 02:00 ގައި މަރަދޫ ބަނދަރުންނެވެ. އަދި އެދުވަހު ހަވީރު 4:00 ގައި މަރަދޫ ބޮޑުމަގުގައި ސިފައިންގެ ޕެރޭޑް ކުރިއަށްދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރޭގަނޑު އަނެއްކާވެސް ވައުދެމުން ކުރިއަށްދާނެއެވެ.

ތެމެނަސްހެވޭ އާޢިލީހަވީރު 30 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 މަރަދޫ ޕާކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ހަމަ އެދުވަހުގެ ރޭ 08:30 އިން 09:30 އަށް ވައުދެމުން އަދި އެއަށްފަހު ޢީދުގެ ޙަރަކާތްތައް ނިންމުމުގެ ރަސްމިޔާތު ކުރިއަށް ދާނެއެވެ. ނިންމުމުގެ ރަސްމިޔާތާއެކު ހަރަކާތްތައް ނިމިގެންދާނީ ހަވާއެރުވުމާއެކުގައެވެ.

ރަސް އޮންލައިންގެ ހުރިހާ ކިޔުންތެރިންނަށް އަރަފާތް ދުވަހުގެ ފުއްސެވުމާއި ބަރަކާތް ލިބުން އެދި ދުޢާ ކުރަމެވެ. އަދި އީދުގެ ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.



ކިޔުންތެރިންގެ ހިޔާލު