ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ރައްޔިތުންނަށް އުފާވެރިކަމާއި މުއްސަނދިކަން ލިބިގެންދާނެ ކަމަށް އެޕާޓީގެ ކައުންސިލް މެމްބަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވީ ހުޅުމާލޭގައި ސަރުކާރުން އަޅާފައިވާ ފުލެޓްތަކުގެ ކުލި ގާސިމުގެ ވެރިކަމެއްގައި މަޢާފު ކުރަށްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމާއި ގުޅިގެން އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެެވެ. އެކަމާ ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރކަން ކުރެއްވި ހަސަން މުޣުނީ ވިދާޅުވީ ތިމާ މީހާއަށް ނުކުރެވޭ އެތައްކަމެއް ކުރެވޭ އެހެން މީހަކު ހުރެދާނެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

އަދި ޤާސިމްގެ ރައީސް ކަމުގައި ފުލުހުންނާއި ސިފައިން 10 އަހަރު އިންތިޒާރު ކުރި ފްލެޓްްތަކުގެ ކުލި މާފުވާނެ ކަމަަށާއި ހިޔާ ފްލެޓްތަކުގެ އެއްމެހާ މައްސަލަތަށް ހައްލުކޮށް ކުލި މާފުވާނެ ކަމަށް މުޣުނީ ވިދާޅުވިއެވެެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އެތަކެއް ފައިދާތަކާއި އުފާވެރި ޙަބަރުތައް އަދި ހުރީ ކުރިޔަށް ކަމަށެވެ.



މީގެއިތުރުން މުޣުނީ ވަނީ ހުޅުމާލޭގައި ހުރި ފުލެޓްތަކުގެ ކުލި މައާފް ކުރުމަށް ހިންގިދާނެ ސިޔާސަތުތަކެއް ހާމަކުރަށްވާފައެވެ. އެގޮތުން ޤައުމުގެ އިޤްތިސާދީ ހަރަކާތްތައް އެތަކެއް ދާއިރާ ތަކުން އެއްފަހަރާ ފުޅާކޮށް ބޭނުން ނުކުރެވި އަޅާ ނުލެވި ހުރި ޤައުމުގެ އެތަކެއް ވަސީލަތްތައް ރައްޔިތުންނަށް ފައިދާވާ ގޮތަށް ބޭނުން ކުރަން ފަށައިގަންނަންޖެހޭ ކަމަށް މުޣުނީ ވިދާޅުވިއެެވެ.



"ދައުލަތުގެ ބިލިއަން ރުފިޔާގެ އިންއެފިޝީތައް ކުޑަކޮށް ހަރަދު ކުޑަކޮށްގެނެވެ. ވިސްނުންތެރި، ތަޖުރިބާހުރި، ހަރުދަނާ ޓީމެއް މި މަސައްކަތަށް ލައިގެންނެވެ. ދިވެހި ޒުވާނުންނާއި މަސައްކަތްތެރިންނެވެ. އަދި ވިޔަފާރިވެރިންނެވެ." ސަރުކާރުން ހިންގިދާނެ ބައެއް ސިޔާސަތު ތައް ހާމަކުރަށްވަމުން މުޣުނީ ވިދާޅުވިއެވެެ.

މީގެ އިތުރުން މުޣުނީ ވިދާޅުވީ 4 ލައްކައިގެ އާބާދީއެއް މުއްސަދިކޮށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. މިކަން ކުރުމަށް 5 އަހަރުވަންދެން ރެއާއި ދުވާލު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. މުޣުނީ ވިދާޅުވީ ޤާސިމް ހުއްނެވީ ޗުއްޓީ ނުނަންގަވައި، ވަގުތު ބޭކާރު ނުކޮށް، ސަކަރާތާއި މަޖަލުން އެއްކިބާވެ ހުރެ މި މަސައްކަތް ލީޑްކޮށް ތަޖުރިބާތައް ހިއްސާކުރެއްވުމަށް ކަމަށެވެ.



"އަމިއްލަ މަސައްކަތުގައި މިހާތަނަށްވެސް މަސައްކަތް ކުރެއްވި ގޮތަށެވެ. މި ޤައުމުގައި މި 4 ލައްކައަށް ފުދޭވަރަށް ވުރެ އިތުރަށްވެސް ވަސީލަތްތައް އެބަހުއްޓެވެ. ބޭނުންވަނީ އިޚްލާސްތެރި ރައީސަކާއި ސަރުކާރެކެވެ. ރައްޔިތުންނަށް މަސައްކަތް ކޮއްދިނުމެވެ." މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވަނީ ޖުމުހޫރީ ޕާޓީއާއި ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެެ. އޭރުން ރައްޔިތުންނަށް އުފާވެރިކަމާއި މުއްސަދިކަން ލިބޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު