އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އުސޫލުތަކާއި ހިލާފަށްކަމަށް ބުނެ، އިދިކޮޅު 5 ޕާޓީއެއް ގުޅިގެން އެ ކޮމިޝަނު ޒިންމާދާރުކުރުމުގެ މަސައްކަތްކުރަން ނިންމައިފިއެވެ.

5 ޕާޓީ ގުޅިގެން އިލެކްޝަންސް ކޮމިޝަން ޒިންމާދާރުކުރުވަން ނިންމާފައިވާކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްއާރުއެމް، އެމްއެންޕީ އަދި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން 5 ޕާޓީގެ މެމްބަރުންވެސް ފާހަގަކުރެއްވީ އިލެކްޝަންސް ކޮމިޝަނުގައި ހުރި މައްސަލަތަކެވެ. އެގޮތުން ސަރުކާރުގެ ނުފޫޒު އޮތްކަމާއި، ޕާޓީތައް އުފައްދަން ހުރަސް އެޅުމުގެ އިތުރުން، ޕާޓީތަކުގެ ހަރަކާތްތަކަށާއި، ރިޔާސީ ކެނޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސް އަޅުއްވަމުން ގެންދަވާކަންވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ޕީޕީއެމްގެ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާއިރު އެކަމާއި އިލެކްޝަންސް ކޮމިޝަނުން އަޅާނުލައްވާ މައްސަލައެވެ. އަދި މިފަހަރުގެ އިންތިހާބުގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން މާޔޫސްވާ މަންޒަރެއް ފެންނަނީ. ސަރުކާރުގެ ނުފޫޒު ކޮމިޝަނަށް އޮތް މަންޒަރު ފެންނަނީ. އެކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަ މިދިޔަ 2 ހަފްތާގެ ތެރޭގައި. ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވޭ." ޝިޔާމް ވިދާޅުވިއެވެ.

އެެމްޑީޕީގައި ކުރިން ހުންނެވި އަދި މިހާރު ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަށް އިތުބާރު ނެތްކަން ދިރާސާތަކުން ދައްކާކަމަށެވެ. އަދި ޑިމޮކްރެޓްސް ޕާޓީ އުފައްދަން ކުރާ މަސައްކަތަށް އިލެކްޝަންސް ކޮމިޝަނުން ހުރަސް އަޅަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"2013 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނާއި ދޭތެރޭ 74 އިންސައްތަ ރައްޔިތުންގެ ތާއީދު އޮތްކަން ހާމަވާ ދިރާސާތައް އެބަހުރި. އެކަމަކު މިދިޔަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުން 50 އިންސައްތައަށްވުރެ ގިނަ ރައްޔިތުން އިތުބާރެއް ނުކުރޭ އިލެކްޝަންސް ކޮމިޝަނަށް." ހަސަން ލަތީފް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އިންތިހާބަކަށް ނިކުންނައިރު އެކަމާއި ދޭތެރޭ ރައްޔިތުން ދެކޭގޮތް ވަރަށް މުހިއްމުކަމަށެވެ. ނަމަވެސް މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތްކަން މިއަދު ރައްޔިތުންނަށް ހާމަވާކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އޮތްކަން ދާދިފަހުން މިވަނީ އެނގިފައި. މީޑިއާތަކުންނާއި، ކޮމިޝަނުގައި ބައްދަލުވުންތަކާއި ގުޅޭގޮތުން ހާމަވި ކަންކަމުން އެކަން ހާމަވޭ. މަޖިލީހުގެ މެޖޯރިޓީ އޮތީމަ މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރާތީ، އިލެކްޝަންސް ކޮމިޝަނަކުން ނޫޅޭ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ކުރަންޖެހޭ މަސައްކަތް ކުރާކަށް. އަދި ބައެއް ޕާޓީތަކަށް އުނދަގޫކޮށް ހުރަސް އެޅުމުގެ މަސައްކަތްވެސް އިލެކްޝަނުން ކުރޭ." އަލީ ހުސައިން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުން ބުނީ އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީކުރުވުމަށް ކުރަންޖެހޭ މަސައްކަތް އެ ޕާޓީތަކުން ގުޅިގެންކުރަމުންދާނޭ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު