"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމަކީ އެކޮމިޝަންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ކުރިއަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތައް އިސްވެ ތިއްބަވައިގެން އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ދީފައެވެެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވަނީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކަމިޝަނުން މިއަދު ހުއްދަދެއްވުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދަށާއި އެޕާޓީ އުފެއްދެވުމުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށާއި، ރާއްޖޭގެ އިސްލާހަށާއި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.





ގާސިމް ވިދާޅުވީ މިހުއްދަ ދެއްވުމަކީ އިލެކްޝަންސް ކޮމިޝަނުން ޤާނޫނީ ވާޖިބު އަދާކުރެއްވުމުގައި ކުރިއަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އެކަމަށްޓަކައި ކޮމިޝަނުގެ ވެރިންނަށްވެސް ޤާސިމް މަރުޙަބާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3560 ފޯމު އެ ޕާޓީން ވަނީ އިލެކްޝަނަށް ހުށައަޅާފައެވެ. އެޕާޓީ އުފެެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށެވެ.



ކިޔުންތެރިންގެ ހިޔާލު