ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުންގެ އަމަލުތައް ހުންނަގޮތުން، އެ ބޭފުޅުންގެ "ލަދު ހަޔާތް" ނެތްކަން ފާހަގަކުރެވޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވެ އެހެން ޕާޓީތަކާއި ގުޅެމުންދާ ދަނޑިވަޅެއްގައެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ އެ ޕާޓީން ކެނޑުނު ބައެއް ބޭފުޅުން އެހެން ޕާޓީތަކަށް ދަނީ އެކި ސަބަބުތަކާއި ގުޅިގެންކަމަށެވެ. އެގޮތުން އިސްދޫ ދާއިރާގެ މެމްބަރު، އަލީ ހަމީދުވެސް ޕާޓީން ވަކިވީ ޕްރޮޖެކްޓެއް ހިންގާތީ، އެކަން ހުއްޓާލަފާނެކަމުގެ ބިރަށްކަމަށެވެ. މީގެއިތުރުން ޕާޓީން ވަކިވި ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރުވެސް ޖޭޕީގެ މެމްބަރުންނަށް ގުޅައިގެން އެހެން ޕާޓީތަކަށް މެންބަރުން ގެންދަވާކަން ގާސިމް ފާހަގަކުރެއްވިއެވެ.

"ސަމީރު ރެއާއި ދުވާލު ކުރާ މަސައްކަތަކީ މި ޕާޓީގެ އެކިއެކި ބޭފުޅުންނަށް ގުޅުއްވައިގެން ރައީސް އޮފީހަށް ގެންގޮސްގެން ބޮޑު ގޮނޑި ދައްކައިގެން މީހުން ގެންދަން މަސައްކަތްކުރުން.. ބަލަ ތަންކޮޅެއް ލަދު ހަޔާތް ކުޑަދޯ މިވަރު. ލަދެއް ހަޔާތެއް ހުންނަންޖެހޭނެ ދޯ،" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކަފުޅުގައި ރައީސް އޮފީހުގެ މިިނިސްޓަރު އަލީ ޒާހިރަށްވެސް ފާޑު ވިދާޅުވިއެވެ. އަދި އެކި ބޭފުޅުންނަށް އޭނާ ނުފޫޒު ފޯރުވާކަމަށްވެސް ގާސިމް ތުހުމަތުކުރެއްވިއެވެ.

ގާސިމް ވިދާޅުވީ ހުރިހާ ރައްޔިތުންނަކީވެސް އިންސާފަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭނެކަމަށެވެ. އަދި އެއްވެސް ބަޔަކާއި މެދު ބިރު ގަންނަން އަދި ނުޖެހޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު