ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރުނުވުމަކީ މެމްބަރުންގެ ގާނޫނީ ވާޖިބަށް ފަރުވާތެރިނުވުންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާ މެމްބަރުން މަދުވުމުން އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ހާޒިރީ ދަށްކަން ފާހަގަކުރައްވާފައެވެ. އަދި ގިނަ މެމްބަރުންތަކެއް މިއަދުވެސް ޖަލްސާއަށް ހާޒިރުނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 87 މެމްބަރުންނަށް ބަރާބަރަށް މުސާރަ ލިބޭ މަޖިލީހަކަށް 24 މެންބަރުން އައުމަކީ ގާނޫނީ ވާޖިބަށް ފަރުވާތެރިނުވުންކަމަށެވެ.

"ގަވާއިދުން މުސާރަ ލިބެމުންދާ ތަނެއްގައި، ހެނދުނުގެ ޖަލްސާ ފަށާއިރު 24 މެމްބަރުން ތިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް އަޅުގަނޑުމެނަށް ފަރުވާތެރިކަން ނުބެހެއްޓެނީ،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު އެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ އެންމެ 24 މެމްބަރުންނެވެ. މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއަށް ވަޑައިނުގެން ތިއްބެވި މެމްބަރުންގެ ތެރެއިން ވަކި ގޮތެއް އަންގަވާފައި ވަނީ ނުވަ މެމްބަރެކެވެ. އެއީ، ސަލާމުގައި ތިއްބެވި 6 މެމްބަރަކާއި ރަސްމީ ދަތުރުތަކުގައި ވަޑައިގެން ތިއްބެވި 3 މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިންވެސް މަޖިލީހުގެ ހާޒިރީ ދަށް މައްސަލަ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު