މިހާތަނަށް ރާއްޖޭގެ ކަނޑުތަކާއި ބެހޭ ގޮތުން ކުރިއަށްގެންގޮސްފައި ނުވާފަދަ ތަފްސީލީ ދިރާސާއެއް ކުރަމުންދާ ޓީމުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވައިފިއެވެ.

މިދިރާސާއަކީ އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ރާއްޖޭގެ މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ ދިރާސާއެކެވެ.

ދިރާސާގެ ބައިވެރިން މިވަގުތު އަންނަނީ ލ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ދިރާސާތައް ކުރިއަށްދަނީ އާރް.ވީ އޮޑެސީއަށް ނަމަކަށް ކިޔާ ހާއްސަ އުޅަނދެކެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމާލެއްވުމަށްފަހު ދިރާސާގެ ބައިވެރިން ހަރަކާތްތެރިވަމުންދިޔަ ބޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނެކްޓަންގެ މިޝަން ޑިރެކްޓަރ އޮލިވަރ ސްޓެއިޑްސްއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގެ ތެރެއިން، މި ދިރާސާގައި ރާއްޖެއާއި އިނގިރޭސިވިލާތުން ބައިވެރިވާ މެރިން ބަޔޮލޮޖިސްޓުންނާއި މެޕިން އެކްސްޕާޓުންނާއި ބައްދަލުކުރައްވާ، އެބޭފުޅުންގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ. ވަކިން ޚާއްސަކޮށް މި ދިރާސާގައި ބައިވެރިވާ ދިވެހި ޓީމުގެ ފަރާތުން ފާއިތުވި 2 ދުވަހު ކަނޑުގެ 500 މީޓަރު އަޑިއަށްގޮސް މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވި 4 އެކުއާނައުޓުންނާއެކު އެމަނިކުފާނު ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.



ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގަތެވެ.

މިފަދަ ދިރާސާއެއް ކުރެވިގެންދިއުމަކީ ރާއްޖޭގެ ކަނޑުތަކާއި، ކަނޑުއަޑީގެ ދިރުންތަކާ ގުޅޭ އައު އެތައް ކަމެއް އެނގިގެންދާނެ މުހިއްމު ދިރާސާއެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިހާ ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފުރަތަމަ ދިރާސާއެވެ. މި ދިރާސާގެ ތެރެއިން ސަބްމާރސިބަލް ޑައިވްތަކުގައި ކަނޑުތަކުގެ ދިރުންތަކާއި ގުޅޭ އިތުރު ހޯދުންތައް ހޯދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު