ލ. ގަމުގައި މިއަދު ނިންމާލި ވިޔަވަތި ކޮންފަރެންސްގައި އިސްލާމިކް މިނިސްޓްރީގެ ދައުރެއް ނެތްކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ވިދާޅުވީ، ރާއްޖޭގައި ލާމަރުކަޒީކޮށް އެންމެ ގިނަ މަސައްކަތް ކުރާ އެއް ވުޒާރާއަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ. އެގޮތުން، އަތޮޅުތަކުގައި ހުރި މިސްކިތްތަކާއެކު ހާހެއްހާ މިސްކިތުގެ މަސައްކަތް ކުރާ ކަމަށާ، ޒަކާތުގެ ކަންކަންވެސް އެ މިނިސްޓްރީން އިންތިޒާމް ކުރާއިރު، ކޮންފަރެންސްގައި އެ މިނިސްޓްރީގެ ދައުރެއް ނެތީ ކީއްވެތޯ ޝަހީމް ވަނީ ސުވާލު ކުރައްވާފައެވެ.

"ކޮބައިތޯ އިސްލާމިކް މިނިސްޓަރު! ތިޔަ ކޮންފަރެންސް ޤުރްއާނާއި އެއްގޮތްނަމަ ތިތާ އިސްލާމިކް މިނިސްޓަރުވެސް އިންނަންވާނެ." ޝަހީމް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ހަރުކަށި ފިކުރާއި ގުޅުވައިގެން ދެއްކެވި ވާހަކައަށް ވެސް ޑރ. ޝަހީމް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން، އިލްޙާދީ ވިސްނުމާއި ހަރުކަށި ފިކުރު މުޅި ރާއްޖޭގައި އާލާ ވަމުންދާކަމަށް ބުނާއިރު މިކަމުގެ ދީނީ ޙައްލާމެދު ކޮންފަރެންސްގައި ވާހަކަ ދައްކަންޖެހޭނީ ޑިފެންސް މިނިސްޓަރު ކަމުގައި ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް މިފަދައިން ވިދާޅުވިއިރު، އިއްޔެ ކޮންފަރެންސްގައި މާރިޔާވަނީ، ހަރުކަށި ފިކުރާ ދެކޮޅަށް ޑިފެންސް މިނިސްޓްރީން ހިންގާ ޕްރޮގްރާމްތަކުގައި ދީނީ އިލްމުވެރިން ބައިވެރިވެވަޑައިނުގަންނަވާތީ އިލްމުވެރިންނަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޞާލިޙާއި ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި މި ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ތަނެއް ނުފެނެއެވެ. ނަމަވެސް އޭގެ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު