ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ބެންކުން މިހާތަނަށް 1.27 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ލ.އަތޮޅުގައި ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ޕްރެޒެންޓޭޝަންގައި ވަނީ އެސްއެމްއީ ބެންކުން ލޯން ދޫކޮށްފައިވާ ގޮތުގެ ތަފްސީލްތައް ހުށަހަޅާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެސްޑީއެފްސީން 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1036 ލޯނު ދޫކޮށްފައިވާކަމަށެވެ. އަދި އެ ލޯނުތަކުގެ އަދަދު 1.27 ބިލިއަން ރުފިޔާއަށް އަރާކަމަށްވެސް އިކޮނޮމިކް މިނިސްްޓްރީން ބުނެއެވެ.

ލޯނު ދީފައިވާ ދާއިރާތަކަށް ބަލާއިރު ދަތުރުފަތުރު، ފަތުރުވެރިކަން، ތަކެތި އުފެއްދުން، އިންފޯމޭޝަން ޓެކްނޮލޮޖީ، މަސްވެރިކަން، އިމާރާތްކުރުން، ވިޔަފާރި އަދި ދަނޑުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މި ލޯނުތަކުގެ ތެރެއިން 30 އިންސައްތަ ލޯނު ދީފައިވަނީ ދެކުނުގެ ރަށްތަކަށް ނިސްބަތްވާ ފަރާތްތަކަށެވެ. އެގޮތުން ދ. އަތޮޮޅަށް 5 މިލިއަން ރުފިޔާ، ތ. އަތޮޅަށް 30 މިލިއަން ރުފިޔާ، ލ.އަތޮޅަށް 80 މިލިއަން ރުފިޔާ،، ގއ. އަތޮޅަށް 54 މިލިއަން ރުފިޔާ، ގދ.އަތޮޅަށް 84 މިލިއަން ރުފިޔާ، އައްޑޫ ސިޓީއަށް 91 މިލިއަން ރުފިޔާ އަދި ފުވައްމުލައް ސިޓީއަށް 54 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެކެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ މި ސަރުކާރުން މިފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ވަކިން ޙާއްސަ ބޭންކެއް ހުޅުއްވުމެވެ.

އެސްއެމްއީ ބޭންކު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު