އަހުމަދު މަސްނޫމް   12 ސެޕްޓެމްބަރު 2022 - 10:25
މާލޭގައި ދުއްވުމަށް އަންނަ މަހު 6 އިލެކްޓްރިކް ބަސް ގެންނާނެކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަހުގެ ހިދުމަތުގައި އިލެކްޓްރިކް ބަހުގެ ބަދަލުގައި ޑީސަލް ބަސް ބޭނުން ކުރަމުންދަނީ އެ ހިދުމަތް އަވަހަށް ފެށުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ އިލެކްޓްރިކް ބަސް ފެށުމުގެ ކުރިން ޗާޖިން ސްޓޭޝަންތައް ހަދައި މީހުން ޓްރެއިންކޮށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.

އަންނަމަހު އިލެކްޓްރިކް ބަސްތައް ގެންނަން ނިންމާފައިވާއިރު އިލެކްޓްރިކް ބަހުގެ ޚިދުމަތް ފުރަތަމަ ފަށާނީ މާލޭގައިކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެއަށްފަހު އަތޮޅުތެރެއަށް އިލެކްޓްރިކް ބަހުގެ ޚިދުމަތް ފުޅާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް މިދިޔަ ހަފްތާގައި ފެށިއިރު އެކަމަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

މިނީ ބަހުގެ ޚިދުމަތަށް މިހާރު 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެތެރެއިން 8 ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު