ހއ. ކޮލަމާފުށީގެ ދެބައިކޮށްފައި އެއްބައި މީހުންނަކީ ދާއިމީ ގޮތެއްގައި ބަލިތަކަށް ބޭސް ކާ މީހުންކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިހާރު ލ. ގަމުގައި ފެށިގެން ކުރިއަށްދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި އެސްޓީއޯގެ ފަރާތުން އާންމުކުރި މައުލޫމާތުގައި ވާގޮތުން، 700 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ކޮލެސްޓްރޯލަށް ބޭސް ކާ 127 މީހުން އަދި ލޭމައްޗަށްދާތީ ބޭސް ކާ 170 މީހުން އެބަތިއްބެވެ. އެއާއިއެކު ޖުމުލަ 300 އަށްވުރެ ގިނަ މީހުން ދާއިމީ ބައްޔަކަށް ބޭސް ކާ ކަމަށް އެ މައުލޫމާތުގައިވެއެވެ.

އެ މައުލޫމާތު އާންމު ކުރެއްވުމަށްފަހު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސެން އަމްރު ބައެއް މީޑިއާތަކަށް ވިދާޅުވީ، ދާއިމީ ބަލިތަކަށް ބޭސްކާ މީހުންގެ ނިސްބަތް ރާއްޖޭގައި ވަރަށް ގިނަ ކަމަށާ އެހެންކަމުން އެކަމަކީ ކައުންސިލްތަކުން ވެސް އެކަމުގައި މަސައްކަތް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

އަދި އެސްޓީއޯއިން ރަށްރަށަށް ބޭސް ފޯރު ކޮށްދިނުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވަނީ ރަށްރަށުގައި ތިބި ދާއިމީ ބަލިތަކަށް ބޭސްކާ މީހުންގެ މައުލޫމާތު ނޭނގުން ކަމަށާ އެހެންކަމުން، އާބާދީ ބޮޑެތި ބައެއް ރަށްރަށަށް ބޭސްގިނަވެ އަދި އާބާދީ މަދު ބައެއް ރަށްރަށަށް ބޭސް މަދުވާ މައްސަލަ ދިމާވާ ކަމަށެވެ.

އެކަން ހައްލު ކުރުމުގެ ގޮތުން މިހާރު ގަވައިދުން ގެންދަނީ ރަށްރަށުގެ އެފަދަ ބަލި މީހުންގެ މައުލޫމާތު އެއްކުރަމުން ކަމަށާއި އަދި އެފަދަ ބަލިތަކަށްވެސް ބޭސް ކާ މީހުންނަށް ދަތިނުވެ ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާކަމަށް އަމްރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު