މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާއެކު މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އައު ނުކުރަން ނިންމި ނިންމުމާއި ގުޅިގެން 170 އަށްވުރެ ގިނަ ދިވެހީންގެ ވަޒީފާ ގެއްލުމުގެ ބިރު އުފެދިއްޖެއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު، އަޙްމަދު އާޒިމް ވިދާޅުވީ ސިޓީ ކައުންސިލްގެ ނިންމުމާއެކު އެ މުވައްޒަފުންގެ ވަޒީފާއާ މެދު ބިރު އެބައޮތް ކަމަށެވެ. އަދި އެ މުވައްޒަފުންނަކީ އެ މީހުންނަށް ފަސޭހަ ވަގުތުތަކުގައި ކުނިކެހުމަށް ނަގާފައިވާ މުވައްޒަފުންތަކަކަށްވާއިރު، ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ މަސައްކަތް ވެމްކޯއަށް ގެއްލިއްޖެ ނަމަ އެ މުވައްޒަފުން އެހެން މަސައްކަަތަކަށް ބޭނުން ކުރުމަކީ ދަތިކަމަކަށްވާނޭކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި، މައިޒާންތަކާއި، އާންމު ތަންތަން ސާފުކޮށް، ކުނި ކަހައި ބެލެހެއްޓުމަށް 178 ދިވެހި މުވައްޒިފުން ވެމްކޯގައި ހަރަކާތްތެރިވެއެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނެވެ. އަދި އަންހެނުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދީފައިވަނީ އެކަނިވެރި މައިންނާއި ވަޒީފާއެއް ނެތި ގޭގައި ތިބި އަންހެނުންނަށްކަމަށް ވެމްކޯއިން ބުނެއެވެ.

މާލޭ ކުނިކެހުމަށް ވެމްކޯއިން ގެންގުޅޭ ދިވެހީންނަށް 8،000 ރުފިޔާގެ މުސާރައެއްދެއެވެ. އަދި ސާފު ކުރުމުގެ މަސައްކަތް އެ އަންހެނުން ކުރަން ޖެހެނީ ރޭގަނޑު 9:00އިން ފެށިގެނެވެ.

މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވެމްކޯއާ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރުމަހަށް ހަމަވާއިރު ސިޓީ ކައުންސިލުން ވަނީ އެއްބަސްވުމުގެ މުއްދަތު އާ ނުކުރުމަށް ނިންމާފައެވެ. އަދި އޭގެފަހުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ ނިންމާފައެެވެ.

މިކަމާއި ގުޅިގެން މީގެކުރިން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ބޮޑު ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ވެހިކަލްތައް މަރާމާތުކުރުމާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރަންޖެހޭ ހަރަދަށް އެއްވެސް ވަރަކަށް ސިޓީ ކައުންސިލުން ރިއާޔަތްކޮށްފައި ނުވާކަމަށެވެ.

ވެމްކޯއަކީ 100 އިންސައްތަ ދިވެހި މުވައްޒަފުން ހަރަކާތްތެރިވާ ކުންފުންޏަކަށްވާއިރު މާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ސިޓީ ކައުންސިލުގައި އެތައް ބިދޭސީންނެއް ހަރަކާތްތެރި ވަމުންދާކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ. ވެމްކޯއިން ބުނީ ސިޓީ ކައުންސިލުގެ އަމިއްލަ އުޅަނދުތަކުގައި މިމަސައްކަތް ކުރާނަމަ މަހެއްގެ މައްޗަށް އެތައް ސަތޭކަ ދަތުރެއް ކުނި އުފުލުމަށް ހޭދަކުރަންޖެހޭނެކަމަށެވެ. އަދި މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ހިދުމަތް ބޭނުންކުރާނަމަ އެތައް ހަރަދެއް ކުރަން ޖެހޭނެ ކަމަށާއި އެގޮތުން ކައުންސިލުން ސީދާ ތިލަފުއްޓަށް ކުނި ގެންދާނަމަ އެހަރަދު ތިން ގުނަ އިތުރުވާނެކަމަށް އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެެެއެެވެ.



ކިޔުންތެރިންގެ ހިޔާލު