ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ލޭންޑު ޔޫސް ޕްލޭންތައް ފާސްނުވިނަމަވެސް، ވަގުތީ ހުއްދައެއް ދެވޭގޮތަށް ކަންކަން އިންތިޒާމް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންކަމުގައި "ބިނާވެށީގެ ޕްލޭން އެކުލަވާލުން" ސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިސެޝަންގައި ބައިވެރިވި ގިނަ ކައުންސިލްތަކުން ވަނީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ ފާސްކުރުމަށް ފޮނުވިނަމަވެސް، ކުދިކުދި މައްސަލަތަކާއި ގުޅިގެންވެސް ލޭންޑް ޔޫސް ޕްލޭންތަކަށް ހުއްދަ ނުލިބޭކަން ފާހަގަކޮށްފައެވެ.

މިކަމަށް އިޝާރާތްކުރައްވާ ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ބައެއް ލޭންޑް ޔޫސް ޕްލޭންތަކުގައި ކުދި މައްސަލަތައް ހުންނަކަމަށާއި އެއީ ކުޑަ ކަމެއް އިސްލާހުކޮށްލައިގެންވެސް މުޅި ޕްލޭން ފާސްކުރެވިދާނެފަދަ ލޭންޑު ޔޫސް ޕްލޭންތަކެއްކަމަށެވެ. އެހެންކަމުން މުޅި ޕްލޭން ފާސް ނުކުރެވުނު ނަމަވެސް، "ކޮންޑިޝަނަލް ޕާޝަލް އެޕްރޫވަލް" ނުވަތަ ވަގުތީ ހުއްދައެއް އެފަދަ ޕްލޭންތަކަށް ދެއްވުމަށް ނިންމަވާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

"ލޭންޑު ޔޫސް ޕްލޭންގައި މަދުވާ އެއްޗަކީ މިއީއޭ. ދެންބޭނުންވަނީ މިކަމޭ. ދެން ހުރި އެއްޗެއްގަ މައްސަލައެއް ނެތޭ. އެފަދަ ހާލަތުގައި ހުއްދަ ދެވުނަސް، މުޅި ޗާޓު ނުބައިކޮށް އިންދަ އެޕްރޫވަލްއެއް ނުދެވޭނެ. މިސާލަކަށް ނުބައިި ތަނެއްގަ އިންޑަސްޓްރިއަލް ޒޯނެއް އޮވެދާނެ. އެ ނަގާފަ އެހެންތަނަކަށް ލީމައޭ އެޕްރޫވަލް ލިބޭނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވަނީ ލޭންޑް ޔޫސް ޕްލޭންތަކުގައި ފާހަގަކުރެވިފައިވާ މައިގަނޑު މައްސަލަތައް ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި ރަނގަޅު ނޫން ސާރވޭއެއްގެ މައްޗަށް ބިނާކޮށް ޕްލޭން ތައްޔާރުކުރުމާއި އަލަށް ޕްލޭން ކުރެވޭ ސަރަަހައްދުތަކުގެ ކަން ވަށްކުރެވިފައި ނުހުރުން ހިމެނެއެވެ.

މި ސެޝަންގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވަނީ ބިނާވެށީގެ ޕްލޭން ތައްޔާރުކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޤާނޫނު ބަދަލުކުރަންޖެހޭ ނަމަ އެކަން ކުރެއްވުން މުހިއްމުކަމުގައި ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު