ޤައުމީ ފެރީ ނިޒާމު، އާރުޓީއެލްގެ ޚިދުމަތް ބޮޑު ތިލަދުންމަތިން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ހޯދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރާއްޖޭގެ ރަށްތައް އޮތްގޮތުން، އެއް ރަށުން ނުލިބޭ ޚިދުމަތްތަކާއި ވަސީލަތްތައް ކައިރީގައި އޮންނަ އެހެން ރަށްތަކުން ލިބެންހުރިކަމަށެވެ. އަދި އާމްދަނީ ހޯދުމަށް ކުދި ވިޔަފާރިތައް ކުރާ ރަށްތައް ހުރިކަމަށާއި، އާރްޓީއެލް ނިޒާމު ގުޅާލަދެނީ، މި ތަކެތި ފަސޭހައިން އެއްރަށުން އަނެއްރަށަށް ގެންގޮސް ފަސޭހައިން އާމްދަނީ ހޯދޭނެ ގޮތެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އާރްޓީއެލް މެދުވެރިކޮށް، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދު ކުރެވި، އެރަށަކަށް އެރަށެއްގެ އަގު، އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ޚިދުމަތަކެއްގެ ތަޞައްވުރަކީ، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުންކަމަށެވެ.

ރައީސް ވިދާޅުވީ އާރްޓީޢެލްގެ ބާރުދުވެއްޔާ، އަރާމު އުޅަނދު ފަހަރުން ބޮޑު ތިލަދުންމަތި އެއްކޮށް ގުޅާ، އަމުނާ، ގަތާ، ބަދަހިކޮށްފިކަމަށެވެ. އަދި މިހާތަނަށް 50,000 އަށް ވުރެ ގިނަ މީހުން ދަތުރަށް އަރައިފިކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ފެރީ ނިޒާމު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ފަށާފައިވަނީ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ، ޖަޒީރާ ރާއްޖޭގެ ރަށްތައް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް، ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި ހައި ސްޕީޑް ފެރީ ނިޒާމެކެވެ. މި ނިޒާމުގައި ރާއްޖެ 6 ޒޯނަކަށް ބަހާލާފައިވެއެވެ.

މީގެތެރެއިން ޒޯން 1ގައި ހިމެނޭ ހއ. ހދ. އަދި ށ.އަތޮޅުގެ، މީހުން ދިރިއުޅޭ 41 ރަށް މި ނިޒާމުގެ ތެރެއިން ވަނީ ގުޅާލާފައެވެ. މީގެތެރޭގައި އަތޮޅުގެ ރަށްތަކާއި، އެއް އަތޮޅު އަނެއް އަތޮޅާ ދެމެދު ދަތުރުތައްވެސް ހިމެނެއެވެ.

އާރްޓީއެލްގެ ޚިދުމަތަށް 3 މަސް ދުވަސް ވެފައިވާއިރު، މިހާރު މި ޚިދުމަތަކީ ރައްޔިތުންނަށް ފުރިހަމައަށް ބަރޯސާވެވޭ ޚިދުމަތަކަށް ވަނީ ވެފައެވެ. މި ޚިދުމަތް މެދުނުކެނޑި ހަފްތާގެ ކޮންމެ ދުވަހަކުންވެސް އަންނަނީ ލިބެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު