ރަށްރަށުން ފަތުރުވެރިކަމަށް، ކަނޑައަޅާ ބިންތައް ފާސްކޮށްދިނުމުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިޔުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މނިސްޓަރ މަޢުސޫމް ވިދާޅުވީ، ރަށްރަށުން ފަތުރުވެރިކަމަށް ކަނޑައަޅާ ބިންތައް ކަނޑައަޅައިދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވާ ހުށަހެޅުންތައް ރައީސް އޮފީހުން "ފާސްޓް ޓްރެކް" ނުވަތަ ވަރަށް އަވަހަށް ފާސްކޮށްދޭނެ ކަމަށެވެ. އަދި މިއީ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވިއަވަތި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި މައުސޫމް ވިދާޅުވީ ފަތުރުވެރިކަމަށް ދޫކުރަން ރަށްރަށުން ކަނޑައަޅާ ބިންތަކަށް ލޭންޑު ރެންޓު ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް އޮންނައިރު، އަގެއް ކަނޑައެޅުމުގައި ވެސް އިންވެސްޓަރުންނަށް ފަހި އަގުތަކެއް ކަނޑައެޅުން މުހިއްމުކަމަށެވެ.

"ވިސްނަން ވާނެ، މިއީ ވާދަވެރިކަމަށް، މުޅި ރާއްޖޭގައި ގެސްޓުހައުސް ހަދަމުންދާއިރު، އިންވެސްޓަރުން ބަލާނެ އެންމެ ފަހީ ކޮންރަށެއްތޯ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ލޭންޑް ޔޫސް ޕްލޭން ހެދުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލާޒިމްކުރާކަމެކެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބަށްފަހު އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެރަށެއްގެ ތަރައްޤީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު