އެއްޖިންސުން ގުޅުން ހިންގި ކަމަށް ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކްރިމިނަލް ކޯޓުގައި މިއަދު އިއުތިރާފުވެއްޖެއެވެ.

ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ އިއުތިރާފުވީ މިއަދު އެމައްސަލައިގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ނާޒިމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު 2021 ވަނަ އަހަރުގެ ދުވަހެއްގައި، އޭނާގެ ކޮޓަރީގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ. އެ ދައުވާ އިއްވުމުން ނާޒިމް ސައްތާރު ވިދާޅުވީ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވާ ކަމަށާއި އެހެން ނަމަވެސް ލިވާތު ކުރި ކަމަށް އިންކާރު ކުރާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ނާޒިމްގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ އިއުތިރާފްވެފައިވާ ކަމަށެެވެ. އަދި މިހަފުތާގައި ނާޒިމަށް ހުކުމް ކުރަން ކޯޓުން ނިންމައިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ހިމެނޭ އަލަމްގީރު ވެސް އޭނާގެ މައްޗަށް އިއްވި ތިން ދައުވާއަށް އިއުތިރާފްވުމާއި ގުޅިގެން ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލާގައި ހިމެނޭ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރެއްގެ ގޮތުގައި އޭރު ހުރި އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ވެސް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ދައުލަތުން އުފުލާފައެވެ.

މި މީހުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށް އެމައްސަލަތައް ފުލުހުން ދަނީ ބަލަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު