އިގްތިސާދު އަޑިއަޅާލުމުގެ ބިރުވެރިކަން ރާއްޖެއަކަށް މިވަގުތު ނެތްކަމަށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ދައުލަތުގެ ހަރަދުތަކާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރުނު ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓުގައި ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ރަނގަޅަށްކަމަށާއި، އިގްތިޞާދު އަޑިއަޅާލުމުގެ ބިރުވެރިކަމެއް ރާއްޖެއަށް ނެތްކަމަށެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނީ އިގްތިސާދު އަޑިއަޅާލުމުގެ ބިރުވެރިކަން ނެތަސް، އެފަދަ ކަމެެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އެގޮތުން ސަރުކާރުން މިހާރުވެސް އިއުލާންކޮށްފައިވާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއްކަން ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.



ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމާފައިވާއިރު، ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނީ އިގްތިޞާދަށް އެންމެ ފައިދާ ވާނީ ލޯނު ނެގުމުގެ ބަދަލުގައި ޓެކްސް ބޮޑުކޮށްގެންކަމަށެވެ.

ވޯލްޑް ބޭންކުން ރިޕޯޓްގައި ވަނީ ބޯހިޔާވަހިކަމާއި، ޕެންޝަނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތް ދިރާސާކޮށް، އެކަމާއި ގުޅޭގޮތުން ވޯލްޑް ބޭންކުގެ ލަފާތައް ދީފައެވެ.

މިރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ކޯވިޑަށްފަހު ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރަމުންދާއިރު، ކުރިއަށްއޮތްތަނުގައިވެސް އިގްތިސާދު ކުރިއަރާނެއެވެ. އަދި ރަޝިޔާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް އިގްތިސާދީ ކުރިއެރުން ފެންނަނީ ރަނގަޅަށް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުގެ އިތުރުން ދުނިޔޭގެ އެހެން މާލީ އިދާރާތަކުންވެސް ބުނަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ ރަނގަޅު ހިސާބެއްގައިކަމަށެވެ. އަދި ސަރަހައްދުގެ ބައެއް އެހެން ގައުމުތަކަށް ދިމާވެފައިވާ އިގްތިސާދު އަޑި އަޅާލުމުގެ ހާލަތު ރާއްޖެއަށް ދިމާވުމުގެ ބިރެއް ނެތްކަމަށްވެސް މާލީ އިދާރާތަކުން ބުނެއެވެ.

ގައުމެއް ބަންގުރޫޓް ވަނީ އާމްދަނީ ނުލިބި، ލޯނު ނުދެއްކޭ ހާލަތަށް ދިއުމުންކަމަށްވާއިރު ސަރުކާރުން ބުނާގޮތުން ރާއްޖެއަށް ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު