ބޯޓުފަހަރު އެޅުމަށް ދިޔަނަރު ފަޅު ކައިރިން ސަރަހައްދެއް ހިއްކުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ފަށާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ބޯޓުފަހަރު އެޅުމަށް ދިޔަނަރު ފަޅު ކައިރިން ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ފަށަން ސަރުކާރުން ތައްޔާރުވެފައި މިވަނީ ސަފާރީތަކާއި ޔޮޓްތައް އަޅަން މާލެ ސަރަހައްދުން ރަނގަޅު ފަޅެއް ނެތްކަމުގެ ޝަކުވާ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ފަރާތުން ލިބެމުންދާތާ ދުވަސްތަކެއް ފަހުންނެވެ.

ސަފާރީތައް އަޅާނެ ތަނެއް ނެތުމުގެ އިތުރުން، އެ އުޅަނދުތަކަށް ބޭނުންވާ އެކަށީގެންވާ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާވެސް ގިނަ ބަޔަކު ކުރެމެވެ.

ސަފާރީތަކާއި ޔޮޓްތައް މިހާރު އަޅާފައި ބޭއްވުމަށް ބޭނުންކުރަމުން އަންނަ ހަމައެކަނި ތަނަކީ ހުޅުމާލޭގެ ފަޅުކަމަށްވާއިރު އެތަނުގައި ބޯޓު އަޅާފައި ބޭއްވުމަށް އެކަށީގެންވާ ރޭވުންތެރި ނިޒާމެއް ނެތްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިދިޔަ ހަފްތާގައި ވަނީ ބޯޓުފަހަރު އެޅުމަށް ދިޔަނަރު ފަޅު ކައިރިން ތަނެއް ތަރައްޤީކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. މިގޮތަށް ނިންމަވާ އެތަން ރަސްމީކޮށް އިޢުލާނުކުރެއްވީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ޔޮޓް އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭގޮތުގައި އަންނަ ނޮވެމްބަރުމަހު މި މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ސަރުކާރުގެ ޢަމާޒަކީ މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާލެވި، ފަޅުގެ ބޭނުން ބޯޓުފަހަރަށް ހިފޭގޮތްވުން ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ސަރުކާރުން ބުނީ މި ފަޅު ތަރައްޤީ ކުރާނީ، މިފަދަ ތަނަކުން ލިބޭނެ ފުރިހަމަ ޚިދުމަތާއެކުކަމަށާއި އެގޮތުން އުޅަނދު އަޅާފައި ބޭއްވުމާއި، ތެޔޮ އެޅުމާއި، އުޅަނދު އަޅާފައި އޮންނައިރު ކަރަންޓުގެ ޚިދުމަތާއި، ފެން ލިބޭނެ އިންތިޒާމާއި، ނަރުދަމާއާއި ގުޅުންހުރި ޚިދުމަތް އަދި އުޅަނދުފަހަރުން ފަސޭހައިން ކުނި މެނޭޖްކުރެވޭނެ ނިޒާމެއްވެސް ޤާއިމުކުރާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު