އަހުމަދު މަސްނޫމް   10 ސެޕްޓެމްބަރު 2022 - 13:4
ވިއަވަތި ރާއްޖެ ކޮންފަރެންސަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބާއްވަވަމުން އަންނަ ސިލްސިލާ ކޮންފަރެންސެކެވެ. މީގެކުރިން މި ކޮންފަރެންސް ވަނީ މާލެއާއި އުކުޅަހުގައިވެސް ބާއްވާފައެވެ.

މި ފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 އިން 12އަށް ހައްދުންމަތީ ގަމުގައެވެ. ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ލ.އަތޮޅަށް ވަޑައިގަންނަވާނެ އެވެ.

މި ކޮންފަރެންސްގައި 107 ކައުންސިލަރުންނާއެކު ސަރުކާރުގެ އިސްވެރިންނާއި އެސްއޯއީތަކުގެ އިސްބޭފުޅުން ހިމެނޭގޮތުން 270 ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ސަރަހައްދީ ތަރައްޤީއާ ގުޅޭ މަޝްވަރާތަކެވެ. އަދި ވަކި ވަކި ރަށްރަށާއި އަތޮޅުތަކާއި ސިޓީތަަކަށް ރާވާފައިވާ ޕްލޭންތަކާއި ގުޅޭ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކުން ދެއްވާނެއެވެ. އަދި ލާމަރުކަޒީ ޤާނޫނު އިތުރަށް ފުރިހަމަކުރުމާއި ގުޅޭ މައުލޫމާތުތައްވެސް މި ކޮންފަރެންސްގެ ތެރެއިން ފޯރުކޮށްދޭނެއެވެ.

މިއަވަތި ކޮންފަރެންސް މިއަދު ފަށާއިރު، ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަގޮތުގައި ހިންގުމާ ގުޅޭގޮތުން ބާއްވަމުންދާ ސެމިނާތަކުގެ ހަތަރުވަނަ ސެމިނާ "ފަނޯއްލަ ދަރުބާރު" އިއްޔެ ހައްދުން މަތީ ގައުމުގައި ވަނީ ފަށާފައެވެ.

ފަނޯއްލަ ދަރުބާރުގެ މަޤްޞަދަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8ވަނަ އިސްލާހު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތަކާއި އަދި ޖުމްލަގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމެވެ. މިގޮތުން މަހާސިންތާގައި އެއްބަސްވެވޭ ކަންތައްތައް 11-12 ސެޕްޓެމްބަރ 2022ވަނަ ދުވަހު ލ.ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވިއަވަތި ރާއްޖެ' މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.

މި ދަރުބާރު އަމާޒުކުރެވިފާވަނީ ނިލަންދެއަތޮޅު ދެކުނުބުރިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރަށް ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކަމާގުޅުން ހުރި ވުޒާރާތަކާއި އަދި އިދާރާތަކާއި ކުންފުނިތަކުން ދުއިއްސައްތައަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު