ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުގައި ތަރައްގީގެ ބޮޑު ޕްރޮޖެކްޓެއް ނުފެންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަަމީރު ރައްދު ދެއްވައިފިއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ސަރުކާރުން ގެންނަނީ ހަމައެކަނި ކޮންކުރީޓް ތަރައްގީ ނޫން ކަމަށެވެ. ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ އެކި މަޝްރޫއުތައް ނިމޭއިރު ރާއްޖޭގެ އިގްތިސާދު ކުރިއަށް އޮތްތާގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މަސްވެރިކަން ތަރައްގީ ކުރުމަށް އެކި ސަރަހައްދުތަކުގައި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އައިސްޕުލާންޓްތައް ހެދުމާއި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯގެ ކޭނިންގ ފެސިލިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަ ބަދަލުތަކާއި ތައުލީމީ ދާއިރާއަށް، ރަށްރަށުގެ ފެނާ ނަރުދަމާ ގާއިމް ކުރުމަށް ހިންގޭ ޕްރޮޖެކްޓް ތަކާއި މަގުތައް ހެދުމާއި ބަނދަރު ހެދުމުގެ ހުރިހާ މަސައްކަތްތަކެއް ނިމޭއިރު ރާއްޖޭގެ މުޅި އިގްތިސާދު އިތުރަށް ފުޅާވެގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ. ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ޕެސެންޖަރ ޓާމިނަލް ނިމުމުން ރާއްޖެއިން އިތުރު 5 މިލިއަން ޓޫރިސްޓުންނަށް ޚިދުމަތް ދެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ވަރަށް އަވަހަށް އެވޯޑްކޮށް އެގްރިމެންޓްގައި ސޮއިކުރެވޭނެ ކަަމަށާއި އެއީ އެސަރަހައްދުގެ އިގްތިސާދު މުޅިން ބަދަލުކޮށްލާނެ ބޮޑު ޕްރޮޖެކްޓެއް ކަމަށެެވެ. އަދި އައްޑޫ އެއާޕޯޓްގެ އާ ޓާމިނަލް އެވޯޑް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެެ.

"ތަރައްގީގެ ބޮޑު ޕްރޮޖެކްޓެއް ނުފެނެއޭ ފާހަގަކުރާ ފަރާތްތަކުން ބަލާލަންވީ ރާއްޖެ ތެރެއަށް ގޮސް ފެނާ ނަރުދަމާގެ މަސައްކަތްތައް، މިސާލަކަށް ބަލަމާ ހިލޭ ޑިގްރީ ޕްރޮގުރާމްގެ ތެރެއިން 15000 ކުދިން މިހާރުވެސް ޑިގްރީ އެބަހަދާ. މިކުދިން މަސައްކަތުގެ ބާޒާރަށް ނިކުތީމާ އެއީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ. ހަމައެކަނި ކޮންކުރީޓުން ގެންނަ ބަދަލުތަކެއް ނޫން މިގެންނަނީ. ބަނދަރު ހެދުން މަގުހެދުން ފެނާ ނަރުދަމާގެ މަސައްކަތެއް ނޫން މިކުރަނީ. ތައުލީމީ ދާއިރާއަށް މިގެންނަ ބަދަލުތައް ވެސް ހިމެނޭ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު