ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭނަމަ އެކަން ކުރަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުކަން ވެސް ކުރައްވާ ނިޔާޒް މިހެން ވިދާޅުވެފައިވަނީ މިހާރު ލ. ގަމުގައި ފެށިގެން ކުރިޔަށްދާ ފަނޯއްލަ ދަރުބާރު ސިލްސިލާގެ ހަތަރު ވަނަ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެެވެ.

ނިޔާޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަކީ، ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ގެނައި ބަދަލުތަކެއް ކަމަށާއި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ނިޔާޒް ވިދާޅުވީ، މިހާރު ވެސް މަޝްވަރާ ކުރެވިގެން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރިނަމަ، އެކަން ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

އަދި ލާމަރުކަޒު ކުރުމުގައި ސަރުކާރުގެ މައިގަނޑު އަމާޒަކީ، އެރަށެއްގެ މުއްސަނދިކަމުގެ ފައިދާ އެރަށަކަށް ހޯދައި ދިނުން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތައް ތަންފީޒު ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޖުމްލަގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ދަރުބާރެކެވެ.



ކިޔުންތެރިންގެ ހިޔާލު