އަހުމަދު މަސްނޫމް   9 ސެޕްޓެމްބަރު 2022 - 13:33
މާލޭގެ ދެކުނު ފަރާތު ބަނދަރު ސަރަޙައްދުގައި މާލޭ ސިޓީ ކައުންސިލުން ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

މާލޭގެ ދެކުނު ފަރާތު ބަނދަރު ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ނިޒާމާއި އެސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކޮށްފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މާލޭ ސިޓީކައުންސިލުން ބުނީ އެސަރަހައްދުގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުމުގެ ގޮތުން 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ. މިކެމަރާތަކުން ބަނދަރުގެ މެރީބްރައުންއާ ވީކޮޅުން ފެށިގެން ސްޓެލްކޯގެ ޕަމްޕް ސްޓޭޝަނާ ހަމައަށް ސެކިއުރިޓީ ބަލަހައްޓައި މޮނީޓާ ކުރެވުމުންދާނެ ކަމަށް މާލޭ ސިޓީކައުންސިލުން މައުލޫމާތުދެއެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކެމެރާ ހަރުކުރުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން މާލޭ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ވަރަށް އަވަހަށް ސީސީޓީވީ ކެމަރާ ހަރުކޮށް 24 ގަޑިއިރު އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކޮށް މިސްކިތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު