އަހުމަދު މަސްނޫމް   9 ސެޕްޓެމްބަރު 2022 - 0:46
އިނގިރޭސި ރާނީ ކުއީން އެލިޒަބަތް އަވަހާރަވުމުން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރާނީ އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ސާލިޙު ނިންމަވާފައިވާ ކަމަށެވެ.

ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.

ރާނީ އަވަހާރަވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގަ އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ސާލިޙު ފޮނުއްވި ތައުޒިޔާގެ މެސެޖްގައި ވިދާޅުވީ ރާނީ އެލިޒަބަތް އަވަހާރަވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށެވެ. ރާނީ އެލިޒަބަތަކީ ގައުމަށް ހިދުމަތް ކުރުމުގެ ނަމޫނާއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ޝާހީ އާއިލާއަށާއި އިނގިރޭސި ރައްޔިތުންގެ އިތުރުން ކޮމަންވެލްތަށް ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ފޮނުއްވާފައެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު