މުޅި ދުނިޔެއަށްވެސް ކުރިމަތިވި އާލަމީ ވަބާ، ކޮވިޑް-19 ރާއްޖެއަށް ނައިނަމަ، ރާއްޖޭން މިހާރު ނަގާފައިވާ 17 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ނުޖެހުނީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ރޭ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ކޮވިޑު-19 އާއި ކުރިމަތިވުމުން، އިގުތިސާދާއި މާލީ ކަންކަމުގައި ލަފާދޭ ފަރާތްތަކުން ސަރުކާރަށް ލަފާދީފައިވަނީ، އެވަގުތު އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އެޅުމަށް ކަމަށާއި އެކަން ކޮށްގެން ވެސް އެ ހާލަތުން އަވަހަށް އަރައިގަތުމަށް ކަމަށެވެ.

އެގޮތުން، މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން، ކޮވިޑް-19 ނައިނަމަ 17 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ނުޖެހުނީސް ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

"27 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާއަކީ ކޮވިޑު ނައިނަމަ އަޅުގަނޑުމެން ނަގާނެ ދަރަންޏެއް ނޫން. އޭގެ މާނައަކީ މި ސަރުކާރުން އެހެނިހެން ތަރައްގީގެ މަޝްރޫއުތަކާއި އެއްކޮށް އަޅުގަނޑުމެން މިހުރީ ގާތްގަނޑަކަށް 12 ވަރަކަށް ބިލިއަން ރުފިޔާގެ ދަރަނި ނަގާފައި." އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ކޮވިޑްގެ ތެރޭގައި ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ނުގޮސް އިގުތިސާދު ކުރިއެރީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، އަމިއްލަ ވިޔަފާރިތަކަށް ދިން އެހީތެރިކަމާއި އާންމު އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުން ދިން އެހީއާއި، ރިސޯޓްތަކަށް ދެވުނު ލުއިތައް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު