މާލޭ ސިޓީ ކައުންސިލުން ކުނި އުކާނަމަ މިހާރަށްވުރެ މާ ހަރަދު ބޮޑުވާނެކަމަށް ވެމްކޯއިން ބުނެފިއެެވެ.

މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާއެކު މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ޑިސެމްބަރު މަހަށް ހަމަވާތީ މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ އެއްބަސްވުމުގެ މުއްދަތު އާ ނުކުރުމަށް ފާސްކޮށްފައެވެ. އަދި އޭގެފަހުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ ނިންމާފައެެވެ.

ވެމްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ބޮޑު ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ވެހިކަލްތައް މަރާމާތުކުރުމާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރަންޖެހޭ ހަރަދަށް އެއްވެސް ވަރަކަށް ސިޓީ ކައުންސިލުން ރިއާޔަތްކޮށްފައި ނުވާކަމަށެވެ. އަދި 100 މުވައްޒަފުންނާއެކު މިކަންކުރެވޭނެ ކަމަށް ބުނި ބުނުމަކީ ، ވެމްކޯގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ވަޒީފާއާމެދު ސުވާލު އުފެދިފައިވާ ކަމެއްކަން ވެމްކޯގެ ބަޔާނުގައިވެއެވެ.

ވެމްކޯއަކީ 100 އިންސައްތަ ދިވެހި މުވައްޒަފުން ހަރަކާތްތެރިވާ ކުންފުންޏަކަށްވާއިރު މާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި އެތައް ބިދޭސީންނެއް ހަރަކާތްތެރި ވަމުންދާކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ވެމްކޯއިން ބުނީ ސިޓީ ކައުންސިލުގެ އަމިއްލަ އުޅަނދުތަކުގައި މިމަސައްކަތް ކުރާނަމަ މަހެއްގެ މައްޗަށް އެތައް ސަތޭކަ ދަތުރެއް ކުނި އުފުލުމަށް ހޭދަކުރަންޖެހޭނެކަމަށެވެ. އަދި މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ހިދުމަތް ބޭނުންކުރާނަމަ އެތައް ހަރަދެއް ކުރަން ޖެހޭނެ ކަމަށާއި އެގޮތުން ކައުންސިލުން ސީދާ ތިލަފުއްޓަށް ކުނި ގެންދާނަމަ އެހަރަދު ތިން ގުނަ އިތުރުވާނެކަމަށް އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެެެއެެވެ.

މީގެ އިތުރުން ވެމްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮޕަރޭޝަންގެ ތެރެއިން މާލެ ސިޓީއާއި ވިލިމާލެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތަކީ ބޮޑު އިސްކަމެއް ދީގެން އެއްބަސްވެވިފައިވާ ގޮތުގެ މަތިން ގާތުން މޮނިޓަރކޮށްގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އަދި ރައްޔިތުންގެ ހިދުމަތުގައި އިންތިހާބުވެގެން ތިބި މަންދޫބުންތަކެއް ދައްކާފައިވާ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް، އެކުންފުނީގެ ނަން ކިލަނބުކުރުމަށް ދެއްކި ވާހަކަތަކެއްކަން ފާހަގަކޮށް އެވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު