މާލެއާއި ވިލިމާލެ ސާފު ކުރުމަށް މާލެ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އާއެކު ހަދާފައިވާ އެއްބަސްވުން އިތުރަށް އައު ނުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

2019 ވަނަ އަހަރު ކުރީގެ ސިޓީ ކައުންސިލުން އެކުލަވާލި އެ އެއްބަސްވުމަކީ ތިން އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޑިސެންބަރު 26 އަށް ހަމަވެއެވެ.

އެހެންކަމުން އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ އެ އެއްބަސްވުން އިތުރަށް އައު ނުކޮށް ސިޓީ ކައުންސިލުން އެ މަސައްކަތް ކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ޖަލްސާގައި ފާސްވެފައި ވަނީވެސް އެ ހުށަހެޅުމެވެ.

ނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ، އެ އެއްބަސްވުމާ ގުޅޭގޮތުން ވެމްކޯއާއި މަޝްވަރާ ކުރަން ފެންނަކަމަށް ބުނެފައެވެ. އެކަމަކު އެ ހުށަހެޅުމަށް ތާއީދެއް ލިބިފައެއް ނުވެއެވެ.

ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް ވިދާޅުވީ ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އެތައް ބައިވަރު ކުންޏެއް ހުއްޓަސް ވެމްކޯއިން އެކުނިތައް ނުނަގާ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އެ މަސައްކަތް ވެމްކޯއިން ރަނގަޅަށް ނުކުރާ ކަމަށެވެ. އެފަދައިން ހުންނަ އެތައް ކުނިތަކެއް ސިޓީ ކައުންސިލްގެ އުޅަނދުތަކުގައި އުކާލަން ޖެހޭ ކަމަށް އޭނާ ވަނީ މިއަދުގެ ކައުންސިލް ޖަލްސާގައި ވިދާޅުވެފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މުޖުތަބާ ވަނީ ކުނި އުކާލުމުގެ މަސައްކަތް ކައުންސިލުން ކުރާނަމަ ވަރަށް ބޮޑުތަނުން ހަރަދު ކުޑަވާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މާލެއާއި ވިލިމާލެ ސާފުކޮށް ބެލެހެއްޓުމަށް ވެމްކޯ އިން 17.28 މިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ހަރަދުކުރާ ކަމަށެވެ.

ނަމަވެސް ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާ ނަމަ 12 މިލިއަން ރުފިޔާއަށް ކުރެވޭނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަސައްކަތަށް ވެމްކޯއިން ގެންގުޅެނީ ވެސް ތިން ޕިކަޕު ކަމަށެވެ. އެކަމަކު ސިޓީ ކައުންސިލުން ކުޑަ 9 ޕިކަޕާއި ފަސް ބޮޑު ޕިކަޕް ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު