އަހުމަދު މަސްނޫމް   8 ސެޕްޓެމްބަރު 2022 - 20:6
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ މައްސަލާގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު އަޑުއެހުން ބާއްވަން ހަމަޖެއްސި ވަގުތެއް އަދި އެކޯޓުން ހާމައެއް ނުކުރެއެވެ.

އެމައްސަލައިގައި މިއަދު ބާއްވަން ތާވަލްކުރި އަޑުއެހުން ރައީސް ޔާމިން އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ވަނީ ކެންސަލްކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ނަގައިގެން އެފައިސާ ލޯންޑަރ ކުރުމުގެ ދައުވާއެވެ. އެމައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

އެ މައްސަލައިގައި މިއަދު ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލް ކުރުމުން އަވަހަށް އެމައްސަލައިގައި އަޑުއެހުމެއް ބާއްވަން ދައުލަތުން މިއަދު ވަނީ ކޯޓުގައި އެދިފައެވެ. އެގޮތަށް އެދިފައިވަނީ މިހާރު ކުރިއަށް ދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ކަމަށްވާތީއާއި އެއް ހެއްކަކު ދައްކާ ވާހަކަ ދެން ތިބި ހެކިންނަށް އެނގުމުން ހެކި އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާތީ ކަމަށް ދައުލަތުން ބުނެއެވެ. އަދި ދައުލަތުގެ ބައެއް ހެކިންގެ ހެކިބަސް ވެސް ނަގާފައިވަނީ އެއް ދުވަހެއްގައި ކަމަށްވާތީ އެކަން ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ޔާމިނަށް ކުރާ ދައުވާގައި ދިފާއީ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ދައުލަތުން ކުރިން ވެސް ވަނީ އެދިފައެވެ. އެކަމަކު އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ފުރަތަމަ ދުވަހު އެއް ހެއްކަކު ހާޒިރުކޮށް ހެކިބަސް ނެގުމަށްފަހު އަދި އެކަމަށް ހިނގާ ވަގުތު ބެލުމަށްފަހު ދެން އެކަމުގައި ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު