އެމްޓީސީސީން ފޯރުކޮށްދެމުންދާ މިނީ ބަހުގެ ހިދުމަތާއި ގުޅޭގޮތުން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" އިން ގެނެސްފައިވާ ހަބަރަކީ އެ ނޫހުން ކޮށްފައިވާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށްޓަކައި، ދިވެހި ސަރުކާރުން އެކަށަ އަޅާފައިވާ އިސްތިރާޖީ ރޭވުންތައް ތަންފީޒުކުރާ އެއް ކުންފުނީގެ ހައިސިއްޔަތުން، މިހިނގާ ހަފްތާގައި އެ ކުންފުނިން ހިދުމަތް ފެށި، ރާއްޖެ ޓްރާންސްޕޯޓް ލިންކުން، މާލެއަށް ތައާރަފުކުރި، ބަހުގެ ހިދުމަތަށް އާންމު ރައްޔިތުންގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށެވެ.

އެހެން ނަމަވެސް މިކަން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް އަދި އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި، "ދިޔަރެސް" ނޫހުގައި މިއަދު ޝާއިއު ކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ އެ ހަބަރުން، ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި، އެ ކުންފުނިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ކުންފުނިން ފޯރުކޮށްދެމުން ގެންދާ އާންމު ދަތުރުފަތުރުގެ ހިދުމަތާމެދު، އުފެދިފައިވާ އިތުބާރާއި، ލޯބި ފަނޑު ކޮށްލަން، ގަސްތުގައި މަސައްކަތް ކޮށްފައިވާކަން އެނގޭކަމަށެވެ.

އަދި އެއީ ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ދިވެހިރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި، ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުން ހިންގި، ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މި ކަން ކުރުމުގެ މަގުސަދަކީ، ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ވަނީ މިފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުން ގެންދިއަ ނަމަވެސް، މީޑިއާގެ ވަސީލަތް ތަކުން، ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުން ގެންދާކަމަށާއި އޭގެ އިތުރުން، ކުންފުނި ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި، ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް، ދޮގު ހަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އިލްތިމާސް ކޮށްފައެވެ.

މިނީ ބަހުގެ ހިދުމަތާއި ގުޅޭގޮތުން ދިޔަރެސް ނޫހުގައި މިއަދު ޝާއިއު ކޮށްފައިވާ ލިޔުމެއްގައި، އެ ޕްރޮޖެކްޓަކީ 22 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭ ޕްރޮޖެކްޓެއް ކަމަށާ، އެ ހިދުމަތް ދިނުމަށް އިލެކްޓްރިކް ބަސް ގެންނަން އެއްބަސްވިނަމަވެސް ގެނެސްފައިވަނީ ޑީސަލް ބަސްތަކެއް ކަމަށް ތުހުމަތު ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު