އެކި ބަހުރުވަތަކުން މުއާމަލާތްކުރަން ފުރުސަތު ތަނަވަސް ވާންޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ހުތުބާއަށް އުނިއިތުރު ގެނެސްގެން ހުތުބާކީ މައްސަލައެއްގައި އައްޑޫ ސިޓީ މީދޫގެ އިމާމަކު އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ. އައްޑޫ ބަހުރުވައިން ހުޠުބާކީ މައްސަލައެއްގައި މުދިމަކު ސަސްޕެންޑް ކުރިކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރަކާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މިއަދު ވިދާޅުވީ ދިވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަ ދައްކާ ބަހުރުވަތައް ވެސް ހިމެނޭ ކަމަށާއި ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެން އަދި ބަހުރުވަތަކުން މުޢާމަލާތުކުރާނެ ފުރުސަތުތައް ތަނަވަސް ވެގެން ކަމަށެވެ.

"ބަހުރުވައަކީ އެބަހަކުން ވާހަކަ ދައްކާ ރަށެއްގެ ނުވަތަ އަތޮޅެއްގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ގުޅިލާމެހިފައި އޮންނަ އެއްޗެއް، އެއީ އެރަށެެއްގެ ނުވަތަ އެ އަތޮޅެއްގެ މާނަވީ ސަގާފީ ތަރިކައެއް." ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިނިސްޓްރީން ބަލަމުންދަނީ ފާސްކޮށްފައިވާ ގޮތާ ޚިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ޚުތުބާ ކީ މައްސަލައެއްކަމަށެވެ. އަދި އެމައްސަލަ ބަލާ ނިމެންދެން އެ ޚަޠީބު ސަސްޕެންޑް ކޮށްފައިވާކަމަށާއި މިމައްސަލަ ބަލަމުންދަނީ އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު