ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ މިހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ޖުމުލަ 51 މެގަވޮޓުގެ ސޯލަރ ޕީވީ ހަރުކޮށް ނިމޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވަނީ އެންމެ 16 މެގަވޮޓުގެ ސޯލާ އެނަރޖީ ސިސްޓަމް ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި އިތުރު 20 މެގަވޮޓުގެ ސޯލަރ އިންސްޓޯލް ކޮށްފައިވާކަން ޝައުނާ ވަނީ ފާހަގަކުރަށްވާފައެވެ. އެކަމަނާ ވިދާޅުވީ އެއީ ތެލަށް ކުރާ ހޭދައިން 271 މިލިއަން ރުފިޔާ ސަލާމަތްކުރެވިގެންދާ ކަމެއް ކަމަށެވެ. އަދި ރައީސްގެ ރިޔާސީ ދައުރުގެ ތެރޭގައި ޖުމުލަ 51 މެގަވޮޓުގެ ސޯލަރ ޕީވީ ހަރުކޮށް ނިމޭނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"މިއަދުގެ އަގުން ހަަމައެކަނި އަޅުގަނޑުމެން ބަލާލިކަމުގައިވީ ނަމަވެސް އެއީ ގާތްގަނޑަކަށް 385 މިިލިއަން ރުފިޔާގެ ފިއުލް ސޭވިންސް އެއްގެ ވާހަަކަ މިދައްކަނީ. އަދި ނިމުނީ އެއް ނޫން، މިހާރު ސަރުކާރުން ފައްޓާފައިހުރި އެކި ކަހަލަ މަރުހަލާތަކުގައި ހުރި، އެއީ ޓެންޑަރިންގެ ހުރި ހުރިހާ ޕްރޮޖެކްޓްތައް ނިމުނީމަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމުލަ 127 މެގަވޮޓްގެ ކަރަންޓް އުފައްދާނީ އިރުގެ އަލިން ލިބޭ ހަކަތަ އިން. މިއީ ގާތްގަޑަކަށް 1 ބިލިއަން ރުފިޔާ ފިއުލް ސޭވިން އެއް އަޅުގަނޑުމެންނަށް ލިބޭނެ އެއްޗަކަށް ވެގެންދާނެ." ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ މީގެއިތުރުން ގޭގޭގައި ހޯމް ސޯލަރ ގާއިމްކުރުމަށް ހިންގާ ޕްރޮގްރާމުގެ ތެރެއިން މިއަހަރު ނޮވެމްބަރު މަހުގެ ކުރިން ޖުމްލަ 1،000 ގޭގެ ފުރާޅުގައި މި ނިޒާމު ހަރުކޮށް ނިންމާލެވޭނެ ކަމަށެވެ. މިއީ ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރ ވަނީ ފާހަަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު