ޖަލުގައި އެއްވެސް ޤައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ޤައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑުކަމެއްކަމަށެވެ. އަދި އެމަސައްކަތް ކުރަން ތިއްބެވި އޮފިސަރުންނަކީ ވަރަށް ކެތްތެރި ޤާބިލް އިހުލާސްތެރި ބައެއްކަމަށް އިމްރާން ވިދާޅުވި އެވެ.

އެބޭފުޅުން ކޮށްދެއްވަނީ ވަރަށްބޮޑު ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ, އޮފިސަރުންނާއި, އޮފިސަރުންގެ އާއިލާތަކަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި އެއާއެކު މިނިސްޓަރ ވަނީ އޮފިސަރުން އިތުރަށް ކެތްތެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

"ތި ޔަބޭފުޅުން މިހާރަށްވުރެވެސް ބޮޑަށް ކެތްތެރިވެވަޑައިގަންނަވާށޭ. މިހާރަށްވުރެ ބޮޑަށް ހިތްތިރިކުރާށޭ. އޯގާވެރިކަމާއި ރަހުމު އިސްކުރާށޭ. ޤައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެކަމެއް ނޫން. އެއީ ކިތަންމެ ބޮޑު ކުށެއްކޮށްފައިވާ ޤައިދީއެއް ނަމަވެސް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި, އެއްވެސް އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ޤައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށެވެ. އެމީހުންނާ މުއާމަލާތްކުރަންވާނީ އޯގާވެރިކަމާއި ރަހުމާއެކުކަން ތަކުރާރުކޮށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެމީހުންނަށް ކުރާ ޚިދުމަތުގެ އަގު އެމީހުން ޖަލުން ނިކުމެ ފެންނަ ދުވަހު ވަޒަންކޮށް އުފާވެރިކަމާއެކު, ހިނިތުންވުމާއެކު ބައްދަލުވެދާފަދަ ގޮތަކަށް މުއާމަލާތްކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމް ރިފޯމްކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ވައުދެއްކަމަށާއި, އެވައުދު ފުރިހަމަކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެދިޔަ 50 އަހަރު އެއް ސަރުކާރަކަށް ނުކުރެވޭ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަމަށެވެ.

ރާއްޖޭގެ ޖަލުތަކަކީ ޤައިދީންނަށް އަނިޔާކުރުމާއި, ނިކަމެތި ގޮތްތަކާއި ކުރިމަތިލާން ޖެހިފައި އޮތްތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ވަނީ އެކަން މާޒީގެ ސަފްހާތަކުގެ ތެރެއަށް ދޫކޮށްލާފައިކަމަށެވެ. ދިވެހިރާއްޖޭގެ ޖަލުތަކުގައި ޤައިދީއަކަށް ޤަސްތުގައި އެނގިހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެކަމަށާއި, އެކަން ހުރިހާ އޮފިސަރުންނަށް އެނގޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރައްވާ އެންމެ މުހިއްމު ކަމަކީ ރިހިބިލިޓޭޓްކުރުންކަމަށެވެ. އެހެންކަމުން ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ނިޒާމް އޮތީ ބޮޑުތަނުން ފުރިހަމަކޮށް ރަނގަޅުކުރަން ޖެހިފައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމަސައްކަތުގެ ތެރެއިން މުޅިން އަލަށް ކަރެކްޝަންގެ އެހެން ކޮމާންޑްތަކާ އެއްލެވެލްއެއްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދާ ކަރެކްޝަންގެ އޮނިގަނޑުގެ ތެރޭގައި ހިމަނާ ބޭނުންވާނެ މުވައްޒަފުން ގޮންޖެހުންތަކާއެކުވެސް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންގެ އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ޤައިދީންނަކީވެސް ރިހިބިލިޓޭޓްވާންޖެހޭނެ މީހުންކަމުގައި ހެދުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހަޤީޤަތުގައިވެސް އިމްރާން ޖަލަށް ލިޔަސް, ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ. އެއީ އެކަން އޮތްގޮތް, އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންވެގެން. ކޮންމެސް މައްސަލައެއް އޮވެގެން އެތަނަށް ދިޔާމާ އެތަނުގެ ތެރޭން ކޮންމެސް ޕްރޮގްރާމެއްގައި ބައިވެރިވެ ކޮންމެސް ފިލާވަޅެއް, ދަރުސެއް ލިބިގެން އަނބުރާ މުޖުތަމައަށް އަންނަންވާނީ. އެކަން ކަށަވަރުކޮށްދިނުމަކީ ކަރެކްޝަންގެ ޒިންމާއެއް, މަސްއޫލިއްޔަތެއް. ވާޖިބެއްކަމަށް އަޅުގަނޑު ދެކެނީ." މިނިސްޓަރ ވިދާޅުވިއެވެ.

ރިހިބިލިޓޭޝަން މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ރިހިބިލިޓޭޝަންގެ މަސައްކަތަށް އަހުލުވެރިވެފައިތިބި އޮފިސަރުން އުފެއްދުންކަމަށާއި, އެކަމަށް ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށް ދައުލަތުން ވަރަށްބޮޑު ހޭދައެއް ކޮށް, މަގުފަހިކޮށްދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރުން މަސައްކަތް ފެށީ ޖަލުތަކުގެ އިންފްރާސްޓްރަކްޗަރަށް އިންޤިލާބީ ބަދަލެއް ގެންނަފަދަ ތަސައްވަރަކާއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮވިޑް19އިގެ ދަތިކަމާއެކު, ގޮންޖެހުންތައް ބޮޑުކަމުން އެކަމުގައި ކުރަންޖެހޭވަރާ ގާތަށްވެޒް މަސައްކަތް ނުކުރެވުނު ނަމަވެސް ދަތިތަކާއެކުވެސް މިދިޔަ ތިން އަހަރާއި, ބައިގެ ތެރޭގައި ގާތްގަނޑަކަށް 250 އެއްހާ ޖާގަ ޖަލުތަކުގައި އިތުރުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލެ ޖަލުގެ މަސައްކަތް މިއަހަރު ފެށުމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހުޅުމާލެ ޖަލު ކޮމްޕްލެކްސް ވެގެންދާނީ ރާއްޖޭގެ ޖަލުގެ ނިޒާމަށް ނުވަތަ ތާރީޚަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ޕްރޮޖެކްޓަކަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޤައިދީން ބެލެހެއްޓޭވަރަށް އެކަށީގެންވާ މިންވަރަށް އޮފިސަރުން ނެތުން އެއީ އޮތް ގޮންޖެހުމެއް ކަމަށެވެ. އެކަމަކު ކޮވިޑްގެ ދަތިކަމާއި, އިޤްތިސާދީ ދަތިކަމާއެކުވެސް, ބަޖެޓްގައި ހިމެނިފައި ނެތި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން 150 އޮފިސަރުން އަލަށް ނެގުމަށް ފުރުޞަތު ހޯއްދަވައިދެއްވިކަމަށެވެ. އަދި އޭގެތެރެއިން ގާތްގަނޑަކަށް 120 އޮފިސަރުން ރެކްރޫޓްކުރެވިފައިވާކަމަށާއި, އެއޮފިސަރުންނަށް ފުރިހަމައަށް ތަމްރީނު ދެވުމުން މިހާރު މިއޮތް ދަތިކަމަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށްބޮޑު ލުޔެއް ފަސޭހައެއް ލިބިގެންދާނެކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުالله ވަނީ ކަރެކްޝަނަލް ސަރވިސްގެ މިޚިދުމަތުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. 51 އަހަރު ފުރުމަށް ބޭއްވެވި ހަފްލާއިންވެސް އެކަން ހާމަވެގެން ގޮސްފިކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެކި ދުވަސްވަރު ޚިދުމަތްކޮށްދެއްވި ބޭފުޅުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު