ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ ދިގު ލިސްޓެއް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ދެއްވައިފިއެވެ.

ސަރުކާރާއި އދގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ޑރ. ޝަހީދުގެ މިލިސްޓު ފަށްޓަވަމުން ވިދާޅުވީ އިޖްތިމާއީ ރައްކާތެރިކަމުގެ ހަރަދު ކުޑަކުރުމުން އެންމެ ނިކަމެތި މީހުން ބިކަވާނެކަމަށެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުޑަކުރުން މުހިއްމުކަން ޑރ. ޝަހީދު ފާހަގަ ކުރެއްވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި އެގޮތުން ކުރެވިދާނެ ކަންކަމުގެ ދިގު ލިސްޓެއް ވަނީ ވިދާޅުވެ ދެއްވާފައެވެ.

ޑރ. ޝަހީދުގެ ލިސްޓުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އަދަދު، ގެންދާ ވަފްދު، މުއްދަތު އަދި ޕޮކެޓް މަނީ މަދުކުރުމާއި ދައުލަތުގެ ވެރިން ފިޔަވައި އިތުރު ބޭފުޅުން ފާސްޓް ކްލާސް އަދި ބިޒްނަސް ކްލާހުގައި ދަތުރު ނުކުރުން ހިމެނެއެވެ.



މީގެއިތުރުން ކުރީގެ ރައީސުން ސިޔާސީ ކަންކަމުގައި އުޅުއްވާނަމަ ދައުލަތުން އިނާޔަތާއި ފައިސާ ނުދިނުމާއި ކުރީގެ މަޖިލިސް މެމްބަރުންނަށް އެއްވެސް ހަރަދެއް ނުކުރުމާއި ސިޔާސީ ޕާޓީތަކަށް ބަޖެޓުން ފައިސާ ނުދިނުމަކީވެސް ހަރަދު ކުޑަކުރަން ޑރ. ޝަހީދު ހުށަހަޅުއްވާ ކަންކަމެވެ.



ސަރުކާރުގެ ހަރަދު ކުޑަކުރަން ޝަހީދުގެ ހުށަހަޅުއްވާފައިވާ އެހެން ކަންކަމުގެ ތެރޭގައި؛

- ރާއްޖެއިން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް ޕޯސްޓްތައް މަދުކޮށް، ކޮންމެހެން ހުންނަންޖެހޭ އެމްބަސީތަކުގައިވެސް 2 ޑިޕްލޮމޭޓުންނަށް ވުރެ ގިނައިން މީހުން ނުބޭތިއްބުން,

- ސަރުކާރުން ހަރަދުކޮށްގެން ބާއްވާ ޗަރުކޭސްތައް މަދުކުރުން ނުވަތަ މުޅިން ހުއްޓުން,

- ސިޔާސި މަގާމްތަކުގެ އަދަދު މަދުކުރުމާއި އެފަދަ މަގާމްތަކަށް މުސާރަ ކުޑަކޮށް، އެމީހެއްގެ ތަޖުރިބާ އާއި ހުނަރާއި ގުޅޭ ސިވިލް ސަރވިސް އޮނިގަނޑުގެ މުސާރައެއް ދިނުން,

- ޕާރމަނަންޓް ސެކްރެޓަރީ ނުވަތަ އޮފީހެއްގެ އެންމެ މަތީ ސިވިލް ސަރވިސް މުވައްޒަފަށް ލިބޭ މުސާރައަށް ވުރެ ބޮޑު މުސާރައެއް މިނިސްޓަރ ފިޔަވައި އެއްވެސް ސިޔާސީ މުވައްޒަފަކަށް ނުދިނުން ހިމެނެއެވެ.

ޑރ ޝަހީދު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ހަރުދަނާ ވާ ވަރަކަށް ހަރަދު ކުޑަވާނެކަމަށެވެ. އެހެންކަމުން ސިޔާސީ މަގާމްތަކަށްވެސް ފަންނީ މިންގަނޑެއް ކަނޑައަޅައި ފަންނީ ޝަރުތު ހަމަނުވާ މީހަކަށް ވަޒީފާ ނުދިނުން މުހިއްމުކަމަށް ޝާހިދު ވިދާޅުވއެވެ. އަދި ކޯލިޝަނަށް ދީފަ އޮތް ކޯޓާތަކުގައިވެސް ތިބެނީ ފަންނީ ޝަރުތު ހަމަވާ މީހުންކަން ކަށަވަރުކުރަންޖެހޭކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ޚަރަދު ކުޑަކުރަން މިހާތަނަށް ކޮށްފައިވާ ކަންކަމުން ލިބުނު ނަތީޖާއެއް ނުފެންނަ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު