މިދިޔަ މަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ކޮންގްރެސްއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ކާމިޔާބު ކޮންގްރެސްއެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަޙީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްއާއި ގުޅޭގޮތުން "ރަސް އޮންލައިން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަހީދު މިއަދު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްއަކީ އެމްޑީޕީއާއި ޑިމޮކްރަސީއަށްވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދިޔަ ކޮންގްރެސްއެއް ކަމަށެވެ. އަދި އެ ކޮންގްރެސް ވެގެން ގޮސްފައިވަނީ އަދުގެ ސަރުކާރަށް ވެސް ބޮޑު ކާމިޔާބީއެއްގެ ގޮތުގައިކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.

"ކޮންގްރެސް ކާމިޔާބުކަމަށް މި ދަންނަވަނީ ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ހިޔާލުތަފާތުވުންތަކެއް ހުއްޓަސް އެކުގައި މަސައްކަތް ކުރެވޭނެ ދެ ބޭފުޅުންކަން ސާބިތު ކޮށްދެއްވައި، އެއްގަލަކަށް އެރުމަކީ ހަގީގަތުގައި ޑިމޮކްރަސީއަށްވެސް ލިބުނު ބޮޑު ކާމިޔާބީއެއް." ޑރ. ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ، ކޮންގްރެސްއަކީ ޑިމޮކްރަސީއަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށް ގަބޫލު ކުރެއްވެނީ ދެ ރައީސުންގެ މެދުގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކަށް ކޮންގްރެސްގެ ތެރެއިން ހައްލު ލިބިގެން ދިޔުމުން ކަމަށެވެ. އަދި ދެ ރައީސުންނަށްވެސް އެއްބަސްވުމަކަށް އާދެވުނީ ދެ ބޭފުޅުންނަކީ ވެސް ޑިމޮކްރަސީއަށް ލޯބި ކުރައްވާ ދެ ބޭފުޅުންނަށް ވުމުންކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޝަހީދު މިފަދައިން ވިދާޅުވެފައިވާއިރު، ހާހަކަށްވުރެ ގިނަ މަންދޫބުންނާއެކު ކުރިއަށް ގެންދިޔަ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ވެގެން ދިޔައީ އެމްޑީޕީ ނޫން ފަރާތްތަކަށް ވެސް ޝައުގުވެރި ކޮންގްރެސްއަކަށެވެ. ހާއްސަކޮށް އެ ޝައުގުވެރިކަން އިތުރުވީ ރައީސް ނަޝީދު ކޮންގްރެސްއަށް ހުށަހެޅުއްވި "ބަރުލަމާނީ ގަރާރު" އާއި ގުޅިގެނެވެ. ނަމަވެސް އެންމެ ފަހުވަގުތު ދެ ރައީސުން މަޝްވަރާ ކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެ ގަރާރު އަނބުރާ ނަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު