އަހުމަދު މަސްނޫމް   6 ސެޕްޓެމްބަރު 2022 - 13:39
ޕްލާސްޓިކް ކޮތަޅުގެ ލެވީ ނެގުން ލަސްނުވާނެ ގޮތަކަށް ކުނި މެނޭޖުކުރުމުގެ ބިލުގެ މާއްދާތައް އިސްލާހުކުރަން ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.

ސަރުކާރުން ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ގާނޫނީ ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ކުނި މެނޭޖުކުރުމުގެ ބިލެއް ހުށަހަޅާގައެވެ.

މި ބިލުގައިވާ ގޮތުން މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ފިހާރަތަކުން ވިއްކާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސް ނުވަތަ ލެވީއެއް ނަގާނެއެވެ. ނަަމަވެސް އެ ފީ ނެގޭނީ ޤާނޫނަށް އަމަލުކުރަން ފަށާފަހުން ހަދާ ޤަވާއިދެއްގެ ދަށުންނެވެ.

މި ބިލު ދިރާސާކުރަމުންދާ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ފިނޭންސް މިނިސްޓްރީން ވަނީ ކޮތަޅުން ޓެކްސް ނެގުމާއި ގުޅޭ ޤަވާއިދު ހަދަން ދީފައިވާ މުއްދަތު ދިގުކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ކޮތަޅުން ޓެކްސް ނަގަން ފަށާ ތާރީހާއި އެކަމާއި ގުޅޭ ޤަވާއިދު އެކުލަވާލަންޖެހޭ ތާރީހުތައް ދިމާވާގޮތަށް ބަދަލުކުރަން ފިނޭންސުން އެދުނެވެ. އެގޮތުން ގަވާއިދު އެކުލަވާލަން 6 މަސް ދުވަހުގެ ބަދަލުގައި 1 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފިނޭންސުން އެދުނެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ނިންމާފައިވަނީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތަށެވެ. އެ ޕްލޭންގައި ވާގޮތުން މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ވަނީ ޓެކްސް ނަގަން ރާވާފައެވެ.

އެގޮތުން އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މި ޓެކްސް ނަގަން ރާވާފައިވާއިރު، މި ޓެކްސް ނެގުމަށް ކަނޑައަޅާފައިވަނީ، ކޮންމެ ސައިޒެއްގެ ކޮތަޅަކުންވެސް ދެ ރުފިޔާއެވެ. މިއާއެކު ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކުހުން ދައުލަތަށް 47.7 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

މީގެ އިތުރުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

ބަޖެޓު ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު