މިނީ ބަސް ވެގެންދާނީ ރައްޔިތުންނަށް ތަސައްލީއަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން މިއަދު ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާފައެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ޚިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.



"ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިޚިދުމަތްވެ އިތުރަށް ތަރައްޤީވެގެންދާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމްޓީސީސީން ބުނީ މިނީ ބަހުގެ ހިދުމަތް ހޯދަން ފުރަތަމަ ދެ ހަފުތާގައި އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އެ މުއްދަތުގެ ފަހުން ދަތުރަކަށް 7ރ. ފީއެއް ނެގުމަށް ވަނީ ނިއްމާާފައެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަސްތަކަށް ވާއިރު މިނީ ބަސްތަކުގައި 20 ނުވަތަ 22 މީހުންނަށް އިށީދިގެން އަދި 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެެ.



ކިޔުންތެރިންގެ ހިޔާލު