ރާއްޖޭގެ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ވަޒީފާއިން ވަކިކުރީ އިޖުރާއަތްތަކާއި ހިލާފަށްކަމަށް ބުނެ އޭނާއަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.

ރާއްޖޭގެ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް ޖޯން ގްރިންޑަލް ވަޒީފާއިން ވަކިކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭނާ ވަކިކުރީ ސުލޫކީ މިންގަނޑާ ހިލާފުވުމުންކަމަށް ޕެންޝަން އޮފީހުން އޭރު ބުންޏެވެ.

ޖޯން ވަނީ އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ. އޭނާ ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވަނީ ވަޒީފާއިން ވަކިކުރީ އިންޒާރެއް ނެތިކަމަށެވެ. އަދި ވަޒީފާ އަނބުރާ ހޯދުމަށާއި 6 މަސް ދުވަހަށް ވާ މުސާރަ ނަގައިދިނުމަށްވެސް އެދިފައިއެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލުން މިމަހުގެ 1 ވަނަ ދުވަހު ނިންމީ ޖޯން މަގާމުން ވަކިކުރީ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަށްވާތީ، އޭނާއަށް އެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދޭން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އޭނާ މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ، އޭނާ އެ ވަޒީފާގައި ހުރިއިރު އެއް މަހުގެ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 14،000 އެމެރިކާ ޑޮލަރު ނުވަތަ 215،880 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޕެންޝަން އޮފީހުގެ މައްޗަށް ވަނީ އަމުުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު