ޓީވީ ޕްރޮގްރާމެއްގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ރައީސް މައުމޫނަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިޔާޒު މިއަދު ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެއްޗާއި، ކޮރަޕްޝަނާއި އަނިޔާވެރިކަން ތައާރަފުކުރި ބޭފުޅަކީ ރައީސް މައުމޫން ކަމަަށެވެ.

ފަސާދައިގެ ބޮޑެތި ކަންކަން ރާއްޖެއަށް ތައާރަފު ކުރެއްވީ މައުމޫން ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އެޅުވި ނަމަވެސް، އެ ތުހުމަތުތައް ކުރެއްވީ ކޮން އަސްލެއްގެ މައްޗަށް ބިނާކޮށް ކަމެއް އަދި އެކަންކަމުގެ ތަފުސީލެއް އިޔާޒު ނުދެއްވައެވެ.

ޑރ. އިޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، ހުކުރު ދުވަހުގެ ރޭ މައުމޫން ވަނީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނަށް ނިސްބަތްވާގޮތަށް ފާޑުވިދާޅުވެފައެވެ.

މައުމޫން ވިދާޅުވީ، ތުނބުޅިއެއް ލާފައި އަރަބި ހެދުމެއް ލިޔަސް ދީނީ އިލްމުވެރިއަކަށް ނުވާނެ ކަމަށާ، އިލްމުވެރިއަކަށް ވާނީ އަރަބި އިސްލާމީ ގައުމަކުން، މަޝްހޫރު އިދާރާއަކުން ތައުލީމު ހާސިލު ކުރުމުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ އިލްމުވެރިންގެ ބަހާއި ދެކޮޅަށް ޔޯގާ އަކީ ފުޓްބޯޅަ ފަދައިން އެއް ހަމައެއްގައި ހިމެނޭ ދެ ކަމެއްކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެންވެސް ރައީސް މައުމޫނަށް ދީނީ ޢިލްމުވެރިންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒު ވިއެވެ.



ކިޔުންތެރިންގެ ހިޔާލު