އަހުމަދު މަސްނޫމް   3 ސެޕްޓެމްބަރު 2022 - 17:21
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް މަހުން މަހަށް އިތުރުވަމުންގޮސް، ނިމިގެންދިޔަ އޮގަސްޓްމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ހިނގައްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 143،599 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ އޮގަސްޓުމަހު ޒިޔާރަތްކޮށްފައިވަނީ 131،863 ފަތުރުވެރިންނެވެ. މިއީ 8.2 އިންސައްތައިގެ ދަށްވުމެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، އޮގަސްޓްމަހަކީ ފަތުރުވެރިން ރާއްޖެ އައުން މަދު، ލޯ ސީޒަންގެ ދުވަސްކޮޅުކަމަށާއި ނަމަވެސް މިދިޔަމަހު ރާއްޖެ އައި ފަތުރުވެރިންގެ ނަންބަރުތައް ދަށްވުމުގައި ގިނަ ސަބަބުތަކެއް އެކުލެވިގެންވާކަމަށެވެ.

އޭގެތެރޭގައި ފިއުލް ޗާޖު އަގު ބޮޑުވުމާއި ގުޅިގެން އެއަރލައިންތަކުގެ ޓިކެޓްގެ އަގު ބޮޑުކުރުމާއި ޔޫރަޕްގެ ޤައުމުތަކުގައި ހޫނުގަދަވުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިދިޔަމަހު ފަތުރުވެރިންގެ އަދަދު ދަށަށްދިޔަނަމަވެސް އޮކްޓޯބަރ މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން މިއަހަރު ގެނައުމެވެ.



ކިޔުންތެރިންގެ ހިޔާލު