ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާއްމު އިޖްތިމާއި މިންގަނޑުތަކާއި ހިލާފު އެތައް އަމަލުތަކެއް ހިންގަމުން އަންނަ ގ. ކަމަރާގެ މުހައްމަދު ނަބީލް (ޔާޔާ) ބަންދުނުކޮށް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަންޖެހޭފަދަ ހެއްކެއް ފުލުހުންނަށް ނުދެއްކުމުންކަން ހާމަވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ބަރަހަނާވަމުންދާކަމުގެ ޝަކުވާ ބޮޑުވެގެން މީގެކުރިންވެސް ހައްޔަރުކޮށްފައިވާ ނަބީލް އެންމެފަހުން ހައްޔަރުކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ކޯޓުން މުއްދަތު ޖަހައި ނުދިނުމުން މީޑިއާތަކުން ހަބަރު ފެތުރީ "ކޯޓުން ޔާޔާ ދޫކޮށްލައިފި"ކަމަށް ބުނެއެވެ.

ނަމަވެސް "ރަސް" އޮންލައިންއަށް ލިބިފައިވާ މި މައްސަލައިގެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި ކޯޓުން ޔާޔާ ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަންޖެހޭފަދަ ސަބަބުތަކެއް ފުލުހުންނަށް ބަޔާންކޮށް ނުދެވުމުންނެވެ. އޭނާ ބަންދުކުރަން ޖެހޭ ސަބަބުތަކެއްގެ ގޮތުގައި ފުލުހުން ކޯޓުގައި ބުނެފައި ވަނީ އޭނާގެ ފަރާތުން މުޖްތަމައަށް ނުރައްކާވުމާއި، އޭނާއަށް ނުރައްކަލެއް އޮތުމާއި، ފޯނުގެ ޕާސްވޯޑް ނުދިނުމާއި، ހެކިންނަށް ނުފޫޒު ފޯރުވުމެވެ.

ނަމަވެސް މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ ވަނީ އެ ސަބަބުތައް ގަބޫލުނުކުރެވޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ފޯނުގެ ޕާސްވޯޑް ނުދިނުމަކީ މީހަކު ފިލާފާނެ ސަބަބެއް ކަމަށް ބަލައި، އެ މީހަކު ބަންދު ނުކުރެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ. މީގެއިތުރުން ފުލުހުން ދެން ހުށަހެޅި ސަބަބުތައްވެސް ޝަރީއަތަށް ގަބޫލުކުރެވޭ ގޮތަށް ހުށަހަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު