އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ކުރިން އަލިފުށި އެއަރޕޯޓް ތަރައްގީކޮށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އަލިފުށި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައެވެ. އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާ، ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަލިފުށީ އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެހެންކަމުން މަސައްކަތުގެ ސްޕީޑް އަވަސް ކުރުމަށްޓަކައި އިތުރު މެޝިނަރީޒްތައް އެރަށަށް ގެންގޮސް މަސައްކަތް އަވަސް ކުރުމަށް ފިޔަވަޅުއަޅަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.



އަލިފުށިން ބިން ހިއްކަނީ ހަމައެކަނި އެއަރޕޯޓެއް ހަދާކަށް ނޫނެވެ. އެރަށުން ހިއްކާ ބިމުގެ އެއްބައި ރަށުގެ ރައްޔިތުން އެކި ކަންކަމަށް ބޭނުންކުރަން ދޫކުރަން ހަމަޖެހިފައިވެއެވެ.

އަލިފުށި އެއަރޕޯޓްގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާގޮތަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ޚިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގއެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު