ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ފްރޭމްކޮށް ޖަލަށްލައި ނާޒިމްގެ މުޅި ހަޔާތް ބަރުބާދު ކޮށްލީ ކުރީގެ ރައީސް އަބުދު ﷲ ޔާމިން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމާއި މެދު އަމަލުކުރީ ވަރަށް އިހުތިރާމާ އެކު ކަަމަށް ވިދާޅުވެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ރައްދު ދެެއްވަމުންނެެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ނާޒިމް ހުންނަވަނިކޮށް ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނުކަމަށް ބުނާ މައްސަލައިިގައި ވަޒީރު ކަމުން ވަކިކޮށް އަދި އެ މައްސަލައިގައި ނާޒިމަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމް ފަހުން ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

އެކަމާ ގުޅިގެން ކާނަލް ނާޒިމް ލީޑަރުކަން ކުރައްވާ އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ކާނަލް ނާޒިމް ހުންނަވަނިކޮށް ނާޒިމް ފްރޭމްކޮށް ޖަލައްލައި މުޅި ހަޔާތް ބަރުބާދުކޮށްލީ ރައީސް ޔާމީނުކަން ރާއްޖޭގެ ކުދިބޮޑު އެންމެންނަށް އެނގޭ ކަމަށެވެ. އަދި ޔާމިންގެ ވެރިކަމުގައި ގައުމުގެ އެންމެ އިސް ސަފުގައިތިބި ވެރިން ޖަލަށްލީ ވަރަށް އަނިޔާވެރިގޮތަކަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"،ނާޒިމްގެ ބައްޕާފުޅު، ބަލިއެނދުގައި އޮވެ މިދުނިޔެ ދޫކޮށްލަން ޖެހުނީ އޭނާގެ މުޅި އާއިލާގެ ހުރިހައި ޒިންމާތަކެއް ބޮލުގައި އަޅައިގެން ހުރި އޭނާ ލޯބިވާ ދަރިފުޅު ނާޒިމް، ރައީސް ޔާމީނުގެ އަނިޔާވެރި ސިސްޓަމުގެ ތެރޭގައި ތާށިކޮށް އޭނާ ސަލާމަތް ނުވެވިގެން ކުރަމުން ދިޔަ ހިތްދަތި ކަމުގެ ތެރެއިން." ޝަރީފް ވިދާޅުވިއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ރޭ ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ނާޒިމާމެދު އިހްތިރާމާއެކު ކަންތައް ކުރެއްވިނަމަވެސް ކަންކަން ހިނގައިދިޔަ ގޮތުން މަގާމުން ވަކިކުރުން ނޫން އެހެން އެއްވެސް ފުރުސަތެއް އެ މަނިކުފާނަށް ލިބިވަޑައިނުގެންނެވި ކަމަށެވެ. އަދި ނާޒިމަށް ޖަލު ހުކުމް އިއްވިފަހުން ލިބުނު ފުލުހުންގެ ފޮރެންސިކް ރިޕޯޓް ސްޕްރީމްކޯޓުން ބަލައިނުގަތުމުން އެ ރިޕޯޓް ބަލައިގަތީ އެމަނިކުފާނު ކުރެއްވި މަސައްކަތުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރީގައި އޮތް ދަބަހެއްގެ ތެރެއިން ޖެނުއަރީ، 2015 ގައި ފިސްތޯލައަކާއި ތިން ވަޒަނާއި ޕެންޑްރައިވެއް ފެނުނު ކަމަށް ބުނާ މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ފަހުން މި ސަރުކާރުގައި ފޮރެންސިކް ރިޕޯޓުން، ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައި ވާތީ މައްސަލަ އަލުން ބަލައިދޭން އެދި ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު