ރަނިންމޭޓަކު ކަނޑައެޅުމަކީ ދަތިކަމެއް ނޫން ކަަމަށް އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީން މިރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓަކު ކަނޑައަޅާނީ ޕާޓީގެ ތެރެއިން ކަމަށާއި އެއީ ދަތިކަމެއް ނޫން ކަމަށެވެ.

ރަނިންމޭޓަކު ކަނޑައެޅުމަށް ޕީޕިއެމްގެ ތެރެއިން އެމަނިކުފާނަށް ޗޮއިސް ވަރަށް ތަނަވަސް ކަމަށާއި އެޕާޓީގެ ތެރޭގައި ވަރަށް އިލްމީ ގާބިލް ތަޖުރިބާހުރި އެތަައް ބޭފުޅުން ލީޑަރޝިޕްގެ އިސްސަފުގައި އެބަތިބި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އެއީ އޯވަނައިޓަކުން ވެސް އަޅުގަނޑު ނިންމަން ބޭނުމިއްޔާ ނިއްމިދާނެ ކަމެއް، އެހާ ދުރުން ރަނިންމޭޓަކު ހޯދަންޖެހޭ ކަހަލަ ދަތި ހާލަކު ނޫން އަޅުގަނޑުމެންގެ ޕާޓީ މިއަދު މި އޮތީ. އަޅުގަނޑަށް ވަރަށް ފަސޭހަ ވަރަށް އިލްމީ ބޭފުޅުން ޕާޓީގައި ހަރަކާތްތެރިވެވަޑައިގަންނަވާ. އެހެންވީމަ ރަނިންމޭޓަކު ޗޫސް ކުރުމަކީ އެހާ ދަތިކަަމަކަަށް ނުވާނެ." ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޒުވާނުންގެ މެނިފެސްޓޯ އާއި އަންހެނުންގެ މެނިފެސްޓޯއާާއި މަސްވެރިންގެ މެނިފެސްޓޯގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ މެނިފެސްޓޯގެ އިތުރުން ޖުޑިޝަރީ އަކީ ރައްޔިތުންގެ އިތުބާރު އޮތް މުވައްސަސާ އަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"މައިގަނޑުކޮށް މިދާއިރާތަކުގެ މަސައްކަތް އަޅުގަނޑުމެން މިހާރުން މިހާރަށް ކުރަމުން ގެންދަނީ އެކަމަކު އޭގެ މާނައަކީ މެނިފެސްޓޯގައި ކޮންމެހެން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި އިސްލާމްދީނާއި ބެހޭ ވާހަކަތަކާއި މިވާހަކަތައް ނުހިމެނޭނެ ވާހަކައެއް ނޫން. މީގެ ކޯ ބައިތަކުގެ ތެރޭގައި އަޅުގަނޑުމެން ނަގައިގެން މި އުޅެނީ އެއީ މިކަންކަން ރަނގަޅުވީމަ މުޅި ރާއްޖޭގެ ހުރިހާ ދިމާލަކަށް ވެސް ދެން އަންނަ ފައިދާއެއް އަންނާނީ." އާ ގާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު